
ރެފަރެންޑަމް ވޯޓާއި ގުޅިގެން ސަރުކާރުން އަމަލުކުރަމުންދިޔައީ ގާނޫނާއި އެއްގޮތަށް: އޭޖީ އޮފީސް

މުޙައްމަދު ފަޟްލޫން - 17 މާރިޗު 2026 - 14:23
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލާއި ގުޅިގެން ސަރުކާރުން މިހާތަނަށް ވެސް ޢަމަލުކޮށްފައިވާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން މިހެން ބުނެފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ޤާނޫނުން ތަސައްވުރުކުރާ އިޖުރާއަތާގުޅޭގޮތުން ޢާންމު ރައްޔިތުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަން ސާފުކޮށްދީ ނެރުނު ބަޔާނެއްގައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ކުރިއަށްދާނެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކީ، ޤާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން 10 ފެބުރުވަރީ 2026 ގައި ފާސްކޮށްފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްޓަކައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓެއް ކަމަށެވެ.
ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަކީ، ދެ މަޤުޞަދެއް ޙާޞިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށާ އެގޮތުން، އެންމެ ފުރަތަމަ މަޤުޞަދަކީ، ރިޔާސީ އިންތިޚާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުން ކަމަށެވެ. އަދި ދެވަނަ މަޤްޞަދަކީ، ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރު ގައި ފެށޭގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު 5 އަހަރު ދުވަހަށް ވުރެ ކުރުކުރުން ކަމަށެވެ
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނުއަސާސީއަށް ގެންނަ ބައެއް އިޞްލާޙުތަކަކީ، ރައްޔިތުންގެ ބަހެއް ނެތި، ތަސްދީޤުކޮށް ޢަމަލުކުރަންފެށޭނެ އިޞްލާޙުތަކެއް ނޫން ކަމަށާ އެގޮތުން، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ގާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީޤުކުރުމުން ކަމަށާ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިޞްލާޙުކުރާނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރަންވާނީ، އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން އެ އިޞްލާޙެއް ގެނައުމަށް ފެންނަކަމުގައި ނިންމައިފިކަމަށްވާނަމަ ކަމަށް ބަޔާންކޮށްފައިވާކަން ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މާއްދާއަކީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކުރުމަށްޓަކައި، އިސްލާޙުކުރެވޭ މާއްދާއަކީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤުކޮށް ޢަމަލުކުރަން ފެށޭނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީގު ކުރަން ފެންނަނަމަ ކަމުގައި ވެސް އެޓާނީ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައިވެއެވެ.






.gif&w=3840&q=75)