logo

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިހާތަށް 61 މީހުން ޝަހީދު، އެއް އިމާރާތަކުން 18 މީހުން ޝަހީދު

profile

ސައިފް އަޒުހަރު - 24 އޭޕްރީލު 2025 - 18:27

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި މިއަދުގެ މިހާތަނަށް 61 މީހުން ޝަހީދު ކޮށްލައިފިއެވެ.

https://wamco.com.mv/

މި ހަމަލާތަކުގައި ސަތޭކަ އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މިހާރުގެ މައިގަނޑު އަމާޒަކީ ޣައްޒާގެ ކުޑަކުދިންނާއި، އަންހެނުން މެރުމެވެ. އެގޮތުން، ވީހާވެސް ގިނަ އާންމުން މަރާލެވޭ ޒާތުގެ ބާރުގަދަ ބޮންތަކެއް ޣައްޒާގެ ތަންތަނަށް އަޅަމުން ގެންދާ ކަމަށް، ރިޕޯޓްތައް ބުނެއެވެ.

ރޭ ފަތިހުން ފެށިގެން ޣައްޒާގެ އެކި ރަށްތަކަށް ބޮންއަޅައި، ޓެރަރިސްޓުން ބޮޑެތި ގަތުލުއާންމުތަކެއް ހިންގާފައި ވެއެވެ.

އެގޮތުން އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވަނީ، ޣައްޒާގެ އުތުރުގެ ޖަބަލިއާ އަވަށުގައި އާންމުން ދިރިއުޅޭ އިމާރާތަކަށް ބޮންއަޅައެވެ. އެ އިމާރާތުގައި ދިރިއުޅެމުން ގެންދިޔައީ ގެދޮރު ހަލާކުވެ މަގުމަތިވެފައިވާ މީހުންނެވެ.

މި އިމާރާތަށް ޓެރަރިސްޓުން ބޮންއެޅުމުގެ ސަބަބުން 18 މީހުން ޝަހީދުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ. ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި އެތައް ކުޑަކުދީންނާއި އަންހެނުން ހިމެނެއެވެ.

އެ ހިސާބުގެ އާންމުން މިހާރުވެސް ގެންދަނީ، އިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެތައް ބަޔަކު ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފައި އެބަތިބި ކަމަށް ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.

ޣައްޒާގެ ވެރިރަށް ގާޒާ ސިޓީގައި ހުންނަ އަލް ސަހާބާ މެޑިކަލް ކޮމްޕްލެކްސް ކައިރީ އަލް ޔަރްމޫކް މަގުގައި ހުންނަ ގެއަކަށް ބޮންއަޅައި 7 މީހުން ޝަހީދު ކޮށްލާފައި ވާއިރު، އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

އެ ގެއަށް ދިން ވައިގެ ހަމަލާގެ ވަރުގަދަކަމުން ކުޑަކުދިންތަކެއް ވިއްސައިގެންގޮސް ޖެހިގެން ހުރި އިމާރާތުގެ ފުރާޅަށްވެސް ވެޓިފައިވާ ކަމަށް، އެ މަންޒަރުދުށް ނޫސްވެރިޔަކު ބުނެފައި ވެއެވެ.

މި ޓެރަރިސްޓު ހަމަލާގައި ގިނައިން ޒަޚަމްވެފައިވަނީވެސް ކުޑަކުދިންނެވެ.

ގާޒާ ސިޓީގެ އުތުރުން އައްޝަފިތަވީ ސަރަހައްދުގައި އާއިލާއެއް ދިރިއުޅޭ ޓެންޓަކަށް ބޮންއަޅައި 3 މީހުން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމް ކޮށްލާފައި ވެއެވެ.

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްއާއި އެހެން ސިޓީތަކަށްވެސް މިއަދު ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ. މިއަދުގެ ހުރިހާ ހަމަލާތަކެއްވެސް ޓެރަރިސްޓުން އަމާޒުކުރީ ޣައްޒާގެ އާންމުންނަށެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay