logo

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކަކީ ނައްތާލަން ހުއްދަ ދީފައިވާ އުޅަނދުތަކެއް: ފުލުހުން

profile

އާމިނަތު ޝަޒްލާ - 22 ސެޕްޓެމްބަރު 2026 - 11:20

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ސައިކަލްތަކަކީ ޓޯކުރުމަށްފަހު ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ނިންމައި، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ އުޅަނދުތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފުލުހުން މިކަން ހާމަކޮށްފައި މިވަނީ، ޓްރަކެއްގެ މަތިން ސައިކަލެއް ބިންމައްޗަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ އެކި މައްސަލަތަކުގައި ޓޯކޮށް، ގަވާއިދުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވުމުގެ ސަބަބުން ނައްތާލުމަށް ނިންމާފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި އެ އުޅަނދުތައް ނައްތާލުމުގެ ކުރިން ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކޮށް، ރަސްމީ ހުއްދަ ލިބިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެންނަނީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ކުނީގެ ގޮތުގައި ތިލަފުށްޓަށް ގެންދިއުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މަންޒަރެއް ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 2 އިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް އެ އުޅަނދުތައް ގެންގޮސް، ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރުމުގެ މަސައްކަތް ކުރަމުންދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް ކަމަށް ފުލުހުން ވަނީ ސާފުކޮށްދެއްވާފައެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި، އެކި މައްސަލަތަކުގައި ޓޯކުރާ އުޅަނދުތައް ގިނަ ދުވަހު ނުގެންގޮސް ހުރުމުގެ ސަބަބުން ޓޯޔާޑުތައް ފުރި، ޖާގައިގެ ދަތިކަން ވަނީ ބޮޑުވެފައެވެ. އެހެންކަމުން ގަވާއިދުން ނައްތާލަންޖެހޭ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފުލުހުން ދަނީ ސިލްސިލާކޮށް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319