logo

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ގަނައި 2 ވަނަ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 23 އޯގަސްޓު 2026 - 10:26

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

https://wamco.com.mv/

މި ބިލަކީ 2026 އޯގަސްޓް 17 ވީ ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިސްލާހަކީ ރާއްޖޭގެ މާލީ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމުގެ މަގްސަދުގައި ، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކޮށް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމަށާއި، ގައުމީ ޕޭމަންޓް ނިޒާމުތަކުގެ ހިންގުމާއި ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުލަވައިލެވިފައިވާ ބިލެކެވެ.

މި ބިލުގައިވާ ގޮތުން، ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ނިޒާމުގެ ތެރޭގައި ހިމެނޭ ވަކި ސިސްޓަމަކީ 'ނޭޝަނަލް ޕޭމަންޓް ސްވިޗް' ކަމުގައި ކަނޑައެޅުމުގެ އިހްތިޔާރާއި ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ، އެމްއެމްއޭ އަށް ލިބިގެންވެއެވެ.

އަދި ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ އެހެނިހެން ފަރާތްތައް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ މާލީ މުޢާމަލާތްތަކުގެ ތެރެއިން އެމްއެމްއޭ އިން ކަނޑައަޅާ މުޢާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަންވާނީ، އެ އޮތޯރިޓީން ކަނޑައަޅާ ނޭޝަނަލް ޕޭމަންޓް ސްވިޗް މެދުވެރިކޮށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އެމްއެމްއޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އަދި އަންގާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ހުރިހާ ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން މި ސިސްޓަމާ ގުޅި، މުއާމަލާތްތައް އެ ސިސްޓަމް މެދުވެރިކޮށް ކުރިއަށް ގެންދިއުން މި ގާނޫނުން ލާޒިމުކުރެއެވެ.

މި ބިލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ގެނައި އިސްލާހަށް ވަނީ އަމަލުކުރަން ފަށައިފައެވެ.

https://wamco.com.mv/
tel:+9607331319