logo

ކުޑަކުދީންނަކީ ލޮލުގެ ފިނިކަން، އެކުދިންގެ ޙައްޤުތަކަށް ރައްކާތެރިވާންޖެހޭ: ހުކުރު ޚުޠުބާ

profile

އާމިނަތު ޝަޒްލާ - 04 ސެޕްޓެމްބަރު 2026 - 09:14

ކުޑަކުދީންނަކީ އަހަރެމެންގެ ލޮލުގެ ފިނިކަން ކަމަށާއި، އެ ކުދީންގެ ހިނިތުންވުންތަކަކީ އިންސާނީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އަދި މޫނުތަކަށް އުޖާލާކަން ގެނެސްދޭ ހިނިތުންވުންތަކެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ކުޑަކުދީންގެ ޙައްޤުތައް" މި މަޢުޟޫޢަށެވެ.

ޚުޠުބާގައި ވިދާޅުވީ، ކުޑަކުދީންނަކީ މާތް ﷲ އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށެވެ. އަދި ހުރިހާ ޙާލެއްގައި، އަދި ހުރިހާ ވަގުތެއްގައިމެ މި މަތިވެރި އަމާނާތަށް ރައްކައުތެރިވުމަކީ މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރީން، މާތް ﷲ އެކަލާނގެ މަތިވެރި ޝަރީޢަތުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާފައިވާކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

ކުޑަކުދީންނަށް ލިބިދޭންވާ ޙިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ ޢާއިލާއެއްގެ ތެރެއިންނާއި އެފަދަ ޢާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢަކުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެގޮތުން، ޢާއިލާއެއްގެ ތެރެއަށް ކުއްޖަކު އުފަންވުމުން އެ ކުއްޖާއަށް ރިވެތި ނަމެއް ކިޔުމަކީ ކުއްޖާގެ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން (ބުލީކުރުން) ފަދަ ނޭދެވޭ ކަންކަމުން އެ ކުދީން ރައްކާތެރިކުރުމަކީ ލާޒިމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ދަރީން ތަރުބިޔަތު ކުރުމުގައި ޢިލްމާއި އަޚުލާޤު މުހިންމުވާ ފަދައިން ރޫޙާނިއްޔަތުގެ ބޭނުންވެސް ނުހަނު ބޮޑުކަން ފާހަގަކުރައްވަމުން، ރޫޙާނިއްޔަތުގެ އަސާސަކީ ތިބާއާއި ތިބާގެ ވެރި ރަސްކަލާނގެއާ އޮންނަ މަތިވެރި ގުޅުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެހެންކަމުން، ފަރުޟު ފަސް ނަމާދު ފަދަ ދީނީ ޝިޢާރުތަކަށް ދަރީން އަހުލުވެރިކޮށް، އެ ކަންކަމަށް ރައްކާތެރިވުމަށް ހޭނުވުމަކީ މައިންބަފައިންގެ ވާޖިބެއް ކަމަށާއި، އެ ކަމަށްޓަކައި އަދަބުދޭންޖެހޭ ޙާލަތްތަކުގައި އަދަބުދީގެން ވެސް އެ ކަންކަން ކުރުވަން ޖެހޭނެ ކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

މިއަދުގެ މުޖުތަމަޢުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، ކުޑަކުދީންނަށް އިހުމާލުވެ، އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި އެ ކުދީންނަށް ލާއިންސާނީ އަނިޔާތައްކުރާ މީހުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅޭކަމީ ނުހަނު ހިތާމަހުރި ކަމެއް ކަމަށެވެ. އަދި މި ފަދަ މީހުންގެ ތެރޭގައި އެ ކުދީންނަށް އެންމެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ވާޖިބުވާ، އެ ކުދީންގެ މައިންބަފައިން ހިމެނޭކަމީ އިންތިހާއަށް ހިތްދަތިވާ ކަމެއް ކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319