logo

ގައުމުގެ ތަރައްގީއަށް މަގުކޮށޭނީ ދުނިޔޭގެ އިހުތިރާމް ލިބިގެން: ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 22 ސެޕްޓެމްބަރު 2024 - 10:10

އދ. ގެ މެންބަރުކަން ލިބުނުތާ 59 އަހަރު ފުރޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް ހިތޯބު ދެއްވަނީ

އދ. ގެ މެންބަރުކަން ލިބުނުތާ 59 އަހަރު ފުރޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް ހިތޯބު ދެއްވަނީ

ދިވެހި ރާއްޖޭގެ ތަރައްގީއަށް މަގު ކޮށޭނީ، މުޅި ދުނިޔޭގެ އިހުތިރާމް ލިބިފައިވާ ގައުމަކަށް ވެގެން ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން ލިބުނުތާ 59 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރައީސް ދެއްވި ހާއްސަ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ އދއަކީ ދުނިޔެއަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރާ މައިދާން ކަމަށްވާއިރު، އެތަނުގައި ކުރެވޭ ބަހުސްތަކުގައި ރާއްޖެއިން ބައިވެރިވެ، ރާއްޖެއިން ބުނާ ބަސް ވިކެން ޖެހޭ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ ތަރައްގީއަށް މަގުކޮށޭނީ އެފަދަ ބައިނަލްއަލްއަގުވާމީ މައިދާންތަކުގައި ބަސް ބުނެ، ދުނިޔޭގެ އިހުތިރާމް ލިބިގެން ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

" ގައުމުގެ ތަރައްގީއަށް ބޭނުންވާ މަގުތައް ކޮށޭނީ އަޅުގަނޑުމެންގެ ގައުމަކީ މުޅި ދުނިޔޭގައި ވެސް އިހުތިރާމު ލިބިފައިވާ ގައުމަކަށް ވެގެން. އެކަން ކުރެވޭނީ މިފަދަ މައިދާން ތަކުގައި އަޅުގަނޑުމެންގެ އަޑު އުފުލައިގެން. އިހުތިރާމްކުރާ، އިހުތިރާމް ލިބޭ ބަޔަކަށް ވެގެން." ރައީސް

ރައީސްގެ ހިތާބު ނިންމަވާލެއްވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ ދިވެހިންގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަށް ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

އދގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މިވަގުތު ހުންނެވީ އެމެރިކާގެ ނިއުޔޯކުގައެވެ. މިއީ އދ.ގެ އާއްމު މަޖިލީހުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުވެސް މެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އދގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާއެވެ.

މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ރައީސް ތަގުރީރު ކުރައްވަން ހަމަޖެހިފައިވާއިރު. އދގެ ސަލާމަތީ މަޖިލީހުގެ ހާއްސަ ބަހުސެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައި ގަންނަވާނެ އެވެ.

ރާއްޖެއިން އދގެ މެމްބަރު ގައުމެއްގެ ގޮތުގައި ގުޅުނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

https://wamco.com.mv/
tel:+9607331319