logo

"ތިމާވެށި މޮނިޓަރކުރަން މަސްނޫޢީ ވިސްނުން ބޭނުންކުރުމުގެ މަސައްކަތް ކުރެވޭ"

profile

ޝާމާ ޝުޢައިބު - 14 އޮކްޓޯބަރު 2024 - 22:57

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ:

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ:

ފުރިހަމަ ޑިޖިޓަލައިޒްޑް އިޤްތިޞާދެއް އުފެއްދުމުގެ މަޤްޞަދުގައި، ޢާންމު ޚިދުމަތްތަކާއި ތިމާވެށީގެ މޮނިޓަރިންގ ރަނގަޅު ކުރުމަށް މަސްނޫޢީ ވިސްނުން ބޭނުންކުރުމަށްވެސް ރާއްޖެއިން ހީވާގިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 149 ވަނަ އެސެމްބްލީގެ ބަހުސްގައި ކުރެއްވި ތަގުރީރުގައި މިފަހަރުގެ އެސެމްބްލީގެ މަޢުޟޫޢު ކަމަށްވާ "ސުލްޙަވެރި އަމާން އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުންހިފުން" މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، އިއާދަކުރަނިވި ހަކަތައާއި ދެމެހެއްޓެނިވި ތަރައްޤީއަށް ދިވެހިރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ޚާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީއާއި ތަހުޒީބު ގެނައުމަށް އަދި ދިވެހިންގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމެއްގެ ގޮތުން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި މަލީހުގެ ރައީށް ވާހަކަފުޅު ދެއްކެވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް28 ގައި އިޢުލާން ކުރެއްވި، 5 އަހަރު ތެރޭގައި އިއާދަކުރަނިވި ހަކަތައިން ޤައުމުގެ ކަރަންޓުގެ 33 އިންސައްތަ ހަމަޖެއްސުމާއި، 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ކެމްޕޭންގެ މުހިންމު ކަމުގެ މައްޗަށްވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވާހަކަފުޅު ދެއްކެވިއެވެ.

ޓެކްނޮލޮޖީ ކުރިއެރުވުމަށް ޤާނޫނުހަދާ މަޖިލިސްތަކުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ވާހަކަފުޅޫ ކުރިއަށް ގެންދަވަމުން، މަޖިލީހުގެ ރައީސް ވަނީ ކޮވިޑުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޮންލައިންކޮށް މަސައްކަތްތައް ކުރިއަށް ގެންދިޔަ ޤާނޫނުހަދާ މަޖިލިސްކަން ފާހަގަކުރައްވައި، އަދި ޓެކްނޮލޮޖީއާމެދު މަޖިލީހުގެ ދައުރު އިތުރުކުރުމުގެ ގޮތުން، އައި.ސީ.ޓީއާ ގުޅޭ ދާއިމީ ކޮމިޓީއެއް މަޖިލީހުގައި ހިމެނޭކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދޮގު މަޢުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މަޢުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމަށް ވިދާޅުވިއެވެ.

މިފަދަ ގޮންޖެހުންތަކުން ސަލާމަތްކުރުމަށް ޤާނޫނުހަދާ މަޖިލިސްތަކުގެ މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އާ އީޖާދުތަކާއެކުކީ އެއަށް ބޭނުންވާ ގަވާއިދުތައްވެސް އެކުލަވާލުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، އައި.ޕީ.ޔޫއިން ކަނޑައަޅާފައިވާ ސައިންސާއި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ޤައުމުތަކުން އެކުލަވާލުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެ، ދިރާސާތައް ކުރިއަށް ގެންދަންވާނީ ނަޒާހަތްތެރިކަމާއި އިންސާނީ ޙައްޤުތަކަށް އިޙުތިރާމް ކޮށްގެން ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ ރައީސްގެ ތަޤްރީރު ނިންމަވާލައްވަމުން، ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ޙާލަތުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަންދީ ސުލްޙަ ދެމެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.

ހަމައެއާއެކު، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިލްތިމާސް ކުރައްވައި، ޢާންމުން ތަހައްމަލްކުރަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ވަގުތުން ހުއްޓާލުމަށްވެސް މަޖިލީހުގެ ރައީސް ގޮވާލެއްވިއެވެ.

https://int.etukuri.mv/
tel:+9607331319