logo

ސަޕްލިމެންޓަރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް: ނަޝީދު

profile

އަހުމަދު ޒަލީފު - 15 ނޮވެމްބަރު 2023 - 11:26

ރައީސް މުޙައްމަދު ނަޝީދު، މައްޗަންގޮޅި މެދުދާއިރާގެ ގޮނޑީގައި

ރައީސް މުޙައްމަދު ނަޝީދު، މައްޗަންގޮޅި މެދުދާއިރާގެ ގޮނޑީގައި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ފައިސާ ހަރަދުކުރުން އޮންނަނީ މަޖިލީހުން ފާސްކުރާ މިންވަރަށް އަދި ފާސްކުރި ކަމަކަށް ހަރަދު ކުރުމަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރުން އެދިވަޑައިގަންނަވާ ކަންކަމަށް ދައުލަތުގެ ފައިސާ ހަރަދު ކުރުން ނޯންނަކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރަށް ސަރުކާރުގެ ހަރަދު ނުބެލެހެއްޓުނުކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގައި ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ ކޭޝްފްލޯ ބަލަހައްޓަން ނޭންގުން ކަމަށެވެ.

"ސަޕްލިމެންޓަރީ ބަޖެޓާ އެކީގައި މި މަޖިލީހަށް މިއީ ފުރަތަމަ ފަހަރެއް ނޫން އެބޭފުޅުން ވަޑައިގަންނަވާ. އެހެންނަމަވެސް މިފަހަރު މިވާގޮތަކީ ކެޔޮ ކޭ ވަރު މާބޮޑަށް އެނގެނީ، ބިތުފަންގި ނެގޭތީވެ. މާދަމާ ވުޒާރާގައި އިންނަވާނީ މިއަދު ތިޖާރާގައި އެއިންނެވި ވެރިޔާއެއް ނޫން، މިއަދު އެއިން މާލީ ވަޒީރެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުން ފައިސާ ހަރަދު ކުރަންވާނީ މަޖިލީހުން ފާސްކޮށްގެން އެ ފާސްކުރާ ގޮތަކާ އެއްގޮތަކަށްކަން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މިއީ ރައްޔިތުންގެ ފައިސާކަމަށާއި މި ފައިސާ ހަރަދު ކުރަންވާނީ އަމާނާތްތެރިކަމާ އެކު ކަމަށް ވިދާޅުވިއެވެ. މި ފައިސާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮންޓްރޯލް ނެންގެވުމަށް ރައީސުލްޖުމްހުރިއްޔާ ބޭނުންފުޅުގޮތަށް ހަރަދުކުރަން ހުރި ފައިސާ ނޫންކަމަށްވެސް ވިދާޅުވިއެވެ.

"މިއީ ސަޕްލިމެންޓަރީ ބަޖެޓެއް ނޫން، މިއީ ވައްކަމުގެ ރަސީދެއް… މިއޮތީ މާލީ ވަޒީރާއި ސަރުކާރު ވައްކަން ކުރައްވާފައި ރަސީދެއް މިތަނަށް ފޮނުއްވާފައި. ވައްކަމުގެ ރަސީދެއް، މިއަށްވުރެއް ވަރުގަދަ ހެއްކެއް ގަރީނާއެއް ނެތް، ބައިތުލްމާލުން އެތައްބައެއް ނަގައިފިކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ޑިސެމްބަރު މަސް ނިމޭއިރު އަތްލެވޭ ރިޒާވްގައި ހުންނާނީ 53 މިލިއަން ޑޮލަރު ކަމަށާއި، ބޭރު ގައުމަކުން ރާއްޖެއަށް އިންތިހާއަށް ފައިސާ ނުދީފިނަމަ ޑިސެމްބަރު މަސް ނިމޭއިރު މުސާރަ ދޭނެ ފައިސާވެސް ނުހުންނާނެ ކަމަށެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރުން ރާއްޖެއަށް ޖައްސާފައިވަނީ ބަނގުރޫޓުވުމުގެ ހާލުކަމަށާއި، މި ސަރުކާރުގެ ކިބައިން އަވަހަށް ސަލާމަތްވިކަމީ މާތް ރަސްކަލާންގެ ކިބައަށް ޝުކުރު ދަންނަވާ ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

tel:+9607331319