މާލޭގެ ފެންހިންދާ ނިޒާމު ފެއިލްވެފައިވާ ކަމަށާއި އެ ނިޒާމު ކުރިއަށް އޮތްތަނުގައި ވެސް ފެއިލްވާނެ ކަމަށް ބެލެވޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެއާއި އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގައި ފެންބޮޑުވަނީ މިހާރު ހުރި ކޮންކްރީޓް ފެންހިންދާ ނިޒާމު ފެއިލްވެފައިވާތީއެވެ.
މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ގުދުރަތީ ކަންކަން ހިމެނޭހެން އައު ޑިޒައިންތަކުގެ ފެންހިންދާ ނިޒާމު ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން، ކުޅިތަކާއި ވެވުތައް މާލެއަށް ގެނައުމަކީ ކުރެވިދާނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ދާދިފަހުން ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހު މާލެއަށް ވަނީ 118.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި ހުޅުލެއަށް ވަނީ 179.7 މިލިލީޓަރުގެ ވާރޭ ވެހިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި މާލޭ ސަރަޙައްދަށް މިހާ ބޯކޮށް ވާރޭވެހުނުކަމަށް ރިކޯޑް ކުރެވުނު ދުވަހެއްގެގޮތުގައި މޫސުމާބެހޭ ޤައުމީ އިދާރާއިން ފާހަގަކުރައްވާފައިވެއެވެ.
ވިއްސާރަވެ، ފެންބޮޑުވުމުގެ ސަބަބުން މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކުގެ ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވެސް ވަނީ ވެފައެވެ.