
ބޮޑުބަދަލަކުން އިތުބާރެއް އުފެއްދިދާނެތަ؟

މުޙައްމަދު ފަޟްލޫން - 27 މޭ 2026 - 18:35
ހަނދާނަށް އަންނަނީ 2022 ވަނަ އަހަރު ބޭއްވުނު އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ މަތިންނެވެ.
އެ އިންތިހާބުގައި ވާދަކުރި އޭރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ ބަލިކުރެއްވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔާލުފުޅު ތަފާތުވުން ބޮޑުވި އެ އިންތިހާބަށްފަހު އެމްޑީޕީއަށާއި ސިޔާސީ މަޝްރަހަށް އިންގިލާބީ ބަދަލުތަކެއް އައީ އެހިސާބުންނެވެ.
ރޫޅާލީނުން ދެން އެކު ނުވާނެ ކަމަށް ބުނެ ކަށިކެޔޮގަނޑުގެ ފޫވަށް ވައްޓާލި ހިސާބުން ރިއެކްޓް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެވަރުން އަދި ފުއްދާލީ އެއް ނޫނެވެ.
ރިޔާސީ ޕްރައިމަރީ ރައީސް ސާލިހް ކާމިޔާބު ކުރެއްވުމާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފާޅުގައި ދެކޮޅަށް މަސައްކަތް ކޮށް ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ތާއީދު ކުރެއްވީވެސް ހަމަ ކުރީގެ ރައީސް ނަޝީދެވެ.
ދެން އެކުގައި ކުރާނެ ސިޔާސީ މަސައްކަތެއް ނެތް ކަމަށް ވިދާޅުވީވެސް ހަމަ އެބޭފުޅާއެވެ. ނަމަވެސް މިއަދު އެކުގައި ގަދަކޮށް ނިކުމެ ޕާޓީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވަނީ އެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު މީގެ ކުރިންވެސް އަދާކުރައްވައި އަދި ޕާޓީގެ ރައީސްކަންވެސް އަދާކުރައްވާފައިވާ ރައީސް ނަޝީދު ނިކުމެ ހުންނެވީ ޕާޓީ އަށް ފައިދާ އާއި ލާބަ ހޯދައި ދިނުމަށެވެ. ނަމަވެސް ވާދަވެރިން އެކަމުގައި ހިޔާލު ތަފާތެވެ.
ފަހަރުގައި އެމީހުން އެ ދައްކާ ވާހަކަ އަކީ މިވަގުތަށް ސިޔާސީ މަންފާއެއް ހޯދަން ނޫނީ ހަމަ ހަގީގަތުގައިވެސް ހެޔޮ އެދިގެން ދައްކާ ވާހަކަތޯ ނުވަތަ ނޫންތޯ ނިންމާނީ އާއްމު މެމްބަރުންނެވެ.
ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވާ ވާދަވެރި ކެންޑިޑޭޓް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވަނީ އިތުބާރު ހޯއްދަވައި ޕާޓީގެ ލީޑަރޝިޕަށް ޒުވާނަކު ބޭނުންވާ ކަމަށެވެ.
މީކާއިލް އާއި އެކު ތިއްބެވި ހުރިހާ މަޖިލިސް މެމްބަރުންނާއި މީކާއިލް އަށް ތާއީދު ކުރައްވާ ބޭފުޅުންވެސް ވިދާޅުވަމުންދަނީ މިއީ ނަޝީދަށް ފަހާފައިވާ ކޯޓެއް ނޫން ކަމަށެވެ.
ގޮތް ނިންމުން އޮތީ 12 ޖޫން ގައެވެ.
ބޮޑު ބަދަލުގެ ނަމުގައި ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވާ ކަމަކީ ޕާޓީ ހިސޯރުކުރަން ކުރާ މަސައްކަތް ކަމަށް މީކާއިލްގެ އިތުބާރު ޓީމުން ބުނަން ފަށައިފިއެވެ.
ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޕާޓީއަށް މެމްބަރުން އިތުރުކޮށް ޕާޓީ ހަރުދަނާ ކުރެއްވުމަށެވެ.
ދާދި ފަހުން ރައީސް ނަޝީދު ވަނީ ޕާޓީގެ މެމްބަރޝިޕް ލައްކައަކަށް އިތުރުކުރައްވަން ބޭނުންފުޅުވެ އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ވާދަވެރިން އެ ވިދާޅުވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި ޕާޓީ އާއި ގުޅިގެން އެމްޑީޕީއަށް އެރި ލޮޅުމުގެ ވާހަކައެވެ.
އެއީ މާޒީކަމަށް ހަދައި ފަސްއަޅައި ފޮރުވި ނަމަވެސް އެދުވަހު ކަންވީގޮތުން އެކަމުގެ ހިތިރަހަ އަރުގައިލީ ހުރިހާ އެންމެން އަދިވެސް ތިބީ ދަނޑިވަޅަކަށް ބަލާށެވެ.
ސިޔާސީ މަސައްކަތަކީ އެކުވެރިކަމާއި ނަފްރަތާއި މަކަރާއި ޒާތީ ތައައްސުބާއި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުން އިސްކޮށްގެން ކުރެވޭނެ ކަމެއް ނޫނެވެ.
ސިޔާސީ މައިދާނުގައި މިތުރުން ހަތުރުންނަށްވެ ހަތުރުން މިތުރުންނަށް ވާ ކަމީ ދުނިޔޭގައި ފެންނަން އޮތް ހަގީގަތެކެވެ.
އެކަމުގެ އެންމެ އަލިގަދަ ދަލީލަކީ ކުރީގެ 3 ރައީސުން އެއްގަލަކަށް އަރައި ގައުމާއި މެދު ފުން ނަޒަރަކުން ވިސްނައި މަޝްވަރާ ކުރުމެވެ.
ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް ސާލިހް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ މިއަދު ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ނިޔަތުގައި ކަމަށް އެބޭފުޅުން ބުނަމުން ގެންދެއެވެ.
ކުރިއަށް އޮތް ޗެއަރޕާސަން އިންތިިހާބުގައި ކަންވާ ގޮތަކުން ފަހަރުގައި 3 ރައީސުންގެ ގުޅުން ހީނަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް. ބޭނުންކުރާ ކަމުގެ ތުހުމަތުގަ ހިންނަވަރުން މީހަކު ހައްޔަރަށް
8 މިނިޓު ކުރިން

ރޯވި އަލިފާން، ނިއްވާލައިފި
10 މިނިޓު ކުރިން

ވަންގަވް މެދުވެރިކޮށް 23 އިދާރާއަކުން 400 އަށްވުރެ ގިނަ ހިދުމަތް ދަނީ ފޯރުކޮށްދެމުން
13 މިނިޓު ކުރިން

ސްކޭމްގައި ގެއްލުނު ފައިސާގެ ތެރެއިން 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)