logo

ސަޓާ އެވޯޑްސް އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވަނީ

profile

މުޙައްމަދު ފަޟްލޫން - 24 ޖުލައި 2026 - 09:01

ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ 10 ވަނަ އަހަރީ ހަފުލާ މިއަހަރުގެ އޮކްޓޯބަރު މަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

މާލޭގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިއަހަރުގެ އެވޯޑު ހަފުލާގެ އެކި ދާއިރާތަކުން ބައިވެރިވާ ޕާޓްނަރުންނާއެކު ވަނީ ރަސްމީކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަފާތު އެކި ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހައިރައިޒް އިން އިސްނަގައިގެން ތައާރަފުކުރި މި އެވޯޑަކީ، ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.

މީގެ ކުރިން މި އެވޯޑު ހަފުލާތައް ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ފަދަ ގައުމުތަކުގައި ވެސް ވަނީ ކާމިޔާބީއާއެކު ކުރިއަށް ގެންގޮސްފައެވެ.

މި އެވޯޑަކީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްގެ ރިސޯޓްތަކާއި، ހޮޓާތަކާއި، ސަފާރީތަކާއި، އެއާލައިންތަކުގެ އިތުރުން މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުމަށް ބާއްވާ މުހިއްމު އިވެންޓެކެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ސަޓާ 2026" ގެ ގްރޭންޑް ގާލާ އެވޯޑްސް ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރަ މާލޭގައެވެ.

މި އަހަރުގެ އެވޯޑުތަކަށް އަލަށް އިތުރުކުރެވުނު ގިންތިތަކުގެ ތެރޭގައި އައުޓްސްޓޭންޑިން ޝެފް އަދި އައުޓްސްޓޭންޑިން ޔަންގް ހޮޓެލިއަރ އެވޯޑް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk