
ޗެލްސީ އާއި ނިއުކާސަލް ވާދަކުރި މެޗުގެ ތެރެއިން...
ފަހަތުން އަރައި ޗެލްސީ އިން ނިއުކާސަލް ހުއްޓުވައިފި

ހަސަން ޝަމްއޫން - 20 ޑިސެމްބަރު 2025 - 18:08
އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އެވަޓަން އަތުން މޮޅުވެފައިވާއިރު، ލީގުގައި ނިއުކާސަލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗު ވެސް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުކާސަލް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ނިއުކާސަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި މިދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ނިކް ވޮލްޓަމޭޑް އެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ވޮލްޓަމޭޑް ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ރީސް ޖޭމްސް އެވެ. އަދި ޗެލްސީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 17 މެޗުން ޗެލްސީއަށް 29 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު 17 މެޗުން ނިއުކާސަލް ޔުނައިޓެޑަށް 23 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.
ލީގުގައި ޗެލްސީއަށް ކުރިއަށް އޮތީ މިމަހުގެ 27 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އެސްޓަންވިލާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނިއުކާސަލް އިން ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.
ގުޅުން ހުރި ޙަބަރުތައް

ތާވަލުގެ ފުލުން ދެވަނައިގައި އޮތް ބާންލީ އިން ވެސް ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފި
10 ގަޑިއިރު ކުރިން

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ޗެލްސީ އަތުުން ފުލަމްއަށް އުނދަގޫ މޮޅެއް
10 ގަޑިއިރު ކުރިން

ބްރައިޓަން އާއި އެއްވަރުވެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ސިޓީ އިން ނަގާލައިފި
10 ގަޑިއިރު ކުރިން

ތަފާތުބޮޑު ނަތީޖާއަކުން ބިލްބާއޯ ބަލިކޮށް ބާސެލޯނާ ފައިނަލުން ޖާގަ ހޯދައިފި
10 ގަޑިއިރު ކުރިން


