logo
ޗެލްސީ އާއި ފުލަމް ވާދަކުރި މެޗުގެ ތެރެއިން...

ޗެލްސީ އާއި ފުލަމް ވާދަކުރި މެޗުގެ ތެރެއިން...

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ޗެލްސީ އަތުުން ފުލަމްއަށް އުނދަގޫ މޮޅެއް

profile

ހަސަން ޝަމްއޫން - 08 ޖެނުއަރީ 2026 - 02:39

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ފުލަމް އިން ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ފުލަމް އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.

ލަންޑަނުގެ ކްރޭވެން ކޮޓޭޖްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޗެލްސީއަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ކުކުރެއްލާއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބާކީބައި އެއްކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމުންނެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފުލަމް އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ރައުލް ހިމެނޭޒް އެވެ.

ޗެލްސީ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ލިއަމް ޑެލެޕް ކާމިޔާބުކުރިއިރު، އޭގެ ނުވަ މިނެޓު ފަހުން ފުލަމްގެ މިޑްފީލްޑަރު ހެރީ ވިލްސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ފުލަމް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 21 މެޗުން މިދެޓީމަށް ވެސް 31 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ޗެލްސީ މިވަގުތު ތާވަލުގެ އަށްވަނައިގައި އޮތްއިރު، ފުލަމް އޮތީ ނުވަވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay