logo
ބާންލީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން..

ބާންލީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން..

ތާވަލުގެ ފުލުން ދެވަނައިގައި އޮތް ބާންލީ އިން ވެސް ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފި

profile

ހަސަން ޝަމްއޫން - 08 ޖެނުއަރީ 2026 - 02:48

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބާންލީ އިން މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

https://wamco.com.mv/

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެމެޗުގައި ލީޑްސް ޔުނައިޓެޑް އަދި ވުލްވްސް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ބާންލީ އެންމެ ފަހުން ކުޅުނު ދެމެޗުގައި ނިއުކާސަލް އަދި ބްރައިޓަން އަތުން ވެސް އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑުންނެވެ.

ބާންލީގެ ޓާފް މޫރްގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބާންލީ އިންނެވެ. މިލަނޑަކީ ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު އައިޑިން ހެވަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެންޗެސްޓާ ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ފޯވާޑް ބެންޖަމިން ޝެސްކޯ ކާމިޔާބިކުރިއިރު، އޭގެ 10 މިނެޓު ފަހުން ޝެސްކޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ބާންލީގެ ޖައިޑަން އެންތަނީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ޔުނައިޓެޑުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 21 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 32 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 11 މެޗުން ބާންލީއަށް 13 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay