logo
ބާސެލޯނާ އާއި ބިލްބާއޯ ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނާ އާއި ބިލްބާއޯ ވާދަކުރި މެޗުގެ ތެރެއިން..

ތަފާތުބޮޑު ނަތީޖާއަކުން ބިލްބާއޯ ބަލިކޮށް ބާސެލޯނާ ފައިނަލުން ޖާގަ ހޯދައިފި

profile

ހަސަން ޝަމްއޫން - 08 ޖެނުއަރީ 2026 - 02:29

ސައުދީ އަރަބިއާގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަކަޕްގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ރޭ ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

ޖިއްދާގެ ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މިމެޗުގައި ބާސެލޯނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބިލްބާއޯ އިން އެޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް މިހާފުގައި ބާސެލޯނާ އިން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ބާސެލޯނާގެ ބްރެޒިލް ފޯވާޑް ރަފީނިއާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފެރާން ޓޮރޭސް އަދި ރޫނީ ބާގްޖީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މިއީ ޖެހިޖެހިގެން މިމުބާރާތުގެ ފައިނަލުން ބާސެލޯނާ ޖާގަ ހޯދި ހަތަރުވަނަ ފަހަރެވެ. އަދި މިމުބާރާތުގެ ޗެމްޕިއަންކަން އެޓީމުން 14 ފަހަރަށް ހޯދާފައިވާއިރު، ފާއިތުވެދިޔަ ތިން އަހަރު ވެސް ފައިނަލުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅެފައިވަނީ ވާދަވެރި ރެއާލް މެޑްރިޑެވެ.

މިއަހަރުގެ ސްޕެނިޝް ސުޕަކަޕް ސެމީފައިނަލުގެ ދެވަނަ މެޗުގައި މާދަމާ މިރޭ ރާއްޖެ ގަޑިން 00:00 ގައި އެތްލެޓިކޯ މެޑްރިޑުން ނުކުންނާނީ އެންމެ ފަހުގެ ރަނަރަޕް ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay