logo
ރައީސުލްޖުމްހޫރިއްޔާ ޑރ, މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ, މުޙައްމަދު މުޢިއްޒު

ރާއްޖެއަކީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާ ޤައުމެއް: ރައީސް

profile

އާމިނަތު ޝަޒްލާ - 28 އޮކްޓޯބަރު 2026 - 11:30

ދިވެހިރާއްޖެއަކީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ޤައުމެއް ކަމަށާއި، އެފަދަ އިންވެސްޓްމަންޓްތައް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ "މޯލްޑިވްސް އެކްސްޕޯ 2026" އާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފޯރަމަކީ ހަމައެކަނި އިންވެސްޓްމަންޓްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ފޯރަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ދެ ޤައުމުގެ ރައްޔިތުންނަށް ޢަމަލީ ގޮތުން ފައިދާކުރަނިވި އެކުވެރިކަމެއްގެ އައު ބާބެއް ބިނާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެތައް ޤަރުނެއްވީ ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން އޮތްކަން ހަނދާންކޮށްދެއްވަމުން، މިއަދު އެ ގުޅުން ވަނީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ، ތަރައްޤީގެ އެއް އަމާޒެއް އޮތް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕަކަށް ބަދަލުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

1 ޖެނުއަރީ 2025 ގައި ޢަމަލުކުރަން ފެށި "ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް" (އެފް.ޓީ.އޭ) އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓުގައި ވާދަކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ލިބުނު ވަރުގަދަ ފުރުޞަތެއް ކަމަށެވެ. އެގޮތުން، 2025 ޖެނުއަރީން ފެށިގެން 2026 އޯގަސްޓް މަހުގެ ނިޔަލަށް ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 124 މިލިއަން ޑޮލަރު ނުވަތަ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މުދާ އެތެރެކޮށްފައިވަނީ މި އެއްބަސްވުމުގެ ދަށުންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަމާޒަކަށް ވާންވީ ހަމައެކަނި ވިޔަފާރީގެ ޢަދަދުތައް އިތުރުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، އިޤްތިޞާދީ ނަފާ މުޅި ރާއްޖޭގެ މުޖުތަމަޢުތަކަށް ފޯރުކޮށްދިނުމެވެ. ޚާއްޞަކޮށް، ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކާއި، ދިވެހި އަތްތެރި މަސައްކަތްތަކާއި ޚިދުމަތްތަކަށް ޗައިނާގެ މާކެޓުގައި ބޮޑު ފުރުޞަތެއް އޮތްކަން ފާހަގަކުރައްވައި، ޒަމާނީ ޕްރޮސެސިންގ، ސަޕްލައި ޗެއިން އަދި މާކެޓަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގައި ދިވެހި ވިޔަފާރިވެރިންނާއެކު މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުނިތަކަށް އެމަނިކުފާނު ދަޢުވަތު އެރުވިއެވެ.

ދިވެހިރާއްޖެ މިހާރު ގުނަމުންދަނީ ޤައުމީ ތަރައްޤީގެ ތާރީޚީ މުހިންމު ދުވަސްތަކެއްކަން ފާހަގަކުރައްވަމުން، "ވިޜަން 2040" ގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި، އިޤްތިޞާދު ސިންދަފާތުކޮށް، އީޖާދީ މަސައްކަތްތައް ފުޅާކޮށް، ރާއްޖޭގެ ކުރިމަގާ މެދު އިތުބާރު އޮތް އިންވެސްޓަރުންނާއެކު ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ވޭތުވެދިޔަ ސާޅީހަކަށް އަހަރު ޢަމަލުކުރަމުންދިޔަ ޤާނޫނުގެ ބަދަލުގައި، ދެފުށް ފެންނަ، ސިޔާސަތުތައް ކަށަވަރުވެފައިވާ އަދި އިންވެސްޓަރުންގެ އިތުބާރު ލިބޭނެ ފަދަ އައު ޤާނޫނެއް ތަޢާރަފުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީގެ އިސްތިރާޖީ ދާއިރާތަކުގެ ތެރޭގައި؛ އިއާދަކުރަނިވި ހަކަތަ، ކާނާގެ ރައްކާތެރިކަން، ލޮޖިސްޓިކްސް، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުން، ޑިޖިޓަލް ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ޞިއްޙީ ޚިދުމަތް، މާލީ ޚިދުމަތްތައް، ޒަމާނީ ޢުމްރާނީ ތަރައްޤީ އަދި ދެމެހެއްޓެނިވި ސިޓީ ތަރައްޤީކުރުން ހިމެނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ރާއްޖެއިން އިންވެސްޓްމަންޓްތަކަށް އެދެނީ ހަމައެކަނި ރައުސްމާލު ހޯދުމުގެ މަޤްޞަދުގައެއް ނޫނެވެ. އޭގެ ބަދަލުގައި އައު ސިނާޢަތްތައް އުފައްދައި، ހުނަރުވެރިކަން އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށް، ދިވެހި ރައްޔިތުންނަށް އައު ދޮރުތަކެއް ހުޅުވައިދިނުމަކީ މިކަމުގެ މައިގަނޑު ބޭނުމެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، "ވިޜަން 2040" ޙާޞިލުކުރުމަށް ކުރާ ދަތުރުގައި ބައިވެރިވެ، ރާއްޖޭގައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިފައި، ދިވެހި ވިޔަފާރިތަކާއެކު ގުޅުން ބަދަހިކޮށް، އިންވެސްޓަރުންގެ ތަޖުރިބާއާއި އީޖާދީ ޚިޔާލުތައް ހިއްސާކުރުމަށް އެމަނިކުފާނު ދަޢުވަތު އެރުވިއެވެ. އަދި މި ފޯރަމަކީ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދީ، ވަރުގަދަ ގުޅުންތަކެއް އުފެދި، ޤައުމަށް ކުރިއެރުން ގެނެސްދޭނެ ތާރީޚީ ބައްދަލުވުމަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

https://wamco.com.mv/
tel:+9607331319