logo

އެސްއޯއީތައް ހިންގުމުގައި ރިޔާސީ އިންތިހާބު ގޮންޖެހުމަކަށް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 05 ސެޕްޓެމްބަރު 2024 - 19:05

މިނިސްޓްރީ އޮފް ފިނޭންސް ހިންގާ އިމާރާތް

މިނިސްޓްރީ އޮފް ފިނޭންސް ހިންގާ އިމާރާތް

މިދިޔަ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެމްބަރުން މަސްއޫލުވި މިންވަރު އިތުރުވުމުން ކުންފުނިތައް ހިންގުމުގައި ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ރިޕޯޓަކުން ދައްކައިފި އެވެ.

ޕީސީބީ އިން މިއަދު ނެރުނު 2023 ކޮމްޕްލަޔަންސް ރިޕޯޓުގައި ވަނީ، އެ ކޯޕަރޭޝަނާއި ފިނޭންސް މިނިސްޓްރީން ނެރޭ އުސޫލުތަކަށް ކުންފުނިތަކުން އަމަލުކުރި ގޮތުގެ ތަފްސީލް ހިއްސާކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ކުންފުނިތަކަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ 68% އުސޫލުތަކަށް އަމަލުކުރަމުންދާ ކަމަށެވެ. ކުންފުނިތަކުން އުސޫލުތަކަށް އަމަލުކުރާ ވަރު ކުޑަވީ، އެ ރިޕޯޓުގައި ވާގޮތުން ކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން އެތެރޭގެ ޕޮލިސީތައް އިސްލާހު ނުކުރެވުމެވެ.

ގާނޫނު އޮންނަ ގޮތުން ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަނުކުރަނީ ޕީސީބީން ނެވެ. ބޯޑު މެމްބަރުން އައްޔަން ކުރުމުގައި ކުންފުނިތަކަށް އެއްވެސް ބާރެއް ނޯންނައިރު، ބޯޑުގެ މެމްބަރުން މަދުވެއްޖެ ހާލަތުގައި ކުރިމަތިވާ ދަތިތައް ހައްލުނުކުރެވުމާއި ކުންފުނި ހިންގުމުގައި ދަތިތަކެއް ކުރިމަތިވިކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ކުންފުނިތަކުގެ ބޯޑުގެ ޑިރެކްޓަރުން ރިޔާސީ އިންތިހާބުގެ ކަންކަމުގައި މަސްއޫލުވެ އުޅުމުން، އެ ދުވަސްވަރު ގަވާއިދުން ބޯޑު ބައްދަލުވުންތައް ނުބޭއްވި، ކުންފުނިތައް ހިންގުމުގައި އެ ފަރާތްތަކުގެ ހިއްސާއާއި ބައިވެރިވުން ކުޑަވުމެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ގިނަ އަދަދެއްގެ ބޯޑު މެމްބަރުންތަކެއް މަސްއޫލުވެ އުޅުނުކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ، އިންތިހާބަށް ފަހު ގިނަ މެމްބަރުން ބޯޑުން އިސްތިއުފާ ދިނުމުން ބޯޑުގެ ކޯރަމް ގެއްލި، ކުންފުނިތައް ހިންގުމުގައި ބޮޑެތި ހުރަސްތަކެއް އައި ކަމަށެވެ.

މީގެއިތުރުން ޕޭމަންޓްތައް ލިބުން ދަތިވުމާއި އުސޫލުތަކާއި އެއްގޮތަށް ކުންފުނީގެ އެތެރޭގެ ކަންކަން ބައްޓަން ކުރުމަށް ތަޖުރިބާކާރު މުވައްޒަފުން ނުލިބުމަކީ ވެސް ކުންފުނިތައް ހިންގަން ދިމާވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދެ ފުށް ފެންނަ ގޮތަށް ކުންފުނިތައް ހިންގުމަށް ކަނޑައަޅާފައިވާ ގިނަ އުސޫލުތަކަށް ވެސް ކުންފުނިތަކުން އަމަލުކުރަމުން ގޮސްފައިނުވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުންފުނިތަކުގެ އަމިއްލަ ވެބްސައިޓްތަކުގައި ހާމަކުރަން ޖެހޭ ލިޔެކިއުންތަކުގެ ތެރެއިން ހާމަކޮށްފައިވަނީ އެންމެ 29% ކަމަށެވެ. އަދި އަހަރީ ރިޕޯޓުތައް ވެސް ޝާއިރުކުރީ އެންމެ 35% ކުންފުނިތަކުން ކަމަށެވެ.

އެ ގޮންޖެހުންތަކާ އެކު ވެސް ކުންފުނިތައް ހިންގުމުގައި ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން ވެސް ޕީސީބީން ފާހަގަކޮށްފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފަހުކޮޅުގައި ބޯޑްރޫމް ޕްރެކްޓިސްތަކާއި ޑިރެކްޓަރުންގެ ރަޖިސްޓްރީ އާއި ރަޖިސްޓްރީ ބެލެހެއްޓުމުގައި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި ހަދާފައިވާ ކުންފުނިތަކުގެ އޮޑިޓުތަކުން އުސޫލުތަކާއި އެއްގޮތަށް އަމަލުކުރާ ވަރު 77% ގައި އުޅޭކަން ފާހަގަކޮށްފައިވެއެވެ.

https://int.etukuri.mv/
tel:+9607331319