
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އާމުދަނީ އިތުރުކުރުން: ރައީސް

އައިޝަތު އިނާޝާ - 10 ޑިސެމްބަރު 2025 - 06:18
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި ކަން ފާހަގަކުރެއްވިއެވެ. އަދި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށާއި ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކޮށް، މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓުގައި އެމަނިކުފާނުވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް މި ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތާއި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މިއަދު މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވަނީ ރ. ދުވާފަރުގައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމްއާއި މުޅި ރ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހާއި ކުޑަކުދިންނަށް ހާއްސަކޮށް ބައްވާ ކުޑަކުދިންގެ ހަވީރާއި މަސްކެނޑުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބައްލަވާލެއްވުމަށާއި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސަޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވާ ހޮނިހިރު ދުވަހުގެ ރެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކެންދޫގެ ތަރައްޤީގެ ރޭހުގައި އިތުބާރު އޮތް ނަންތަކެއް: އަޙްމަދު ޝާން އާއި ނަޛީރާ އަޙްމަދުގެ ޓީމު
8 ގަޑިއިރު ކުރިން

ފަހު ދިހައެއްގައި ބީއެމްއެލް ގެ ބްރާންޗްތަކުން އިން ޚިދުމަތް ލިބޭނީ މި މަހުގެ 11 އަދި 18ގައި
9 ގަޑިއިރު ކުރިން

ވެމްކޯ ބޯޑަށް ޑިރެކްޓަރަކު އައްޔަންކޮށްފި
10 ގަޑިއިރު ކުރިން

ރާއްޖެއަށް ޑްރަގު ގެނައި ބިދޭސީ އަކު އުމުރަށް ޖަލަށް!
12 ގަޑިއިރު ކުރިން


.gif&w=3840&q=75)