logo

ގާޒާ އަށް ހަމަލާދޭތީ އިސްރާއީލަށް އެހީ ނުވާން އެމެރިކާގެ މަޖިލީހަށް ހުށައެޅި އިސްލާހަށް ބޮޑު ތާއީދެއް ލިބިއްޖެ!

profile

ރިޟްވާން މޫސާ - 16 ޖުލައި 2026 - 11:36

އިސްރާއީލަށް ދެމުންދާ އެހީތައް ކަނޑާލުމަށް އެމެރިކާގެ މަޖިލީހަށް (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) ހުށަހެޅި އިސްލާހަށް 104 މެންބަރުން ތާއީދުކޮށްފި އެވެ.

https://wamco.com.mv/

އެމެރިކާގެ ގާނުނު ހަދާ މަޖިލީހަށް ހުށައެޅި މި އިސްލާހަށް 104 މެންބަރަކު ވޯޓު ދެއްވި އިރު އެމެރިކާގެ އެންމެ ބޮޑު ރަހުމަތްތެރިޔާ ކަމުގައިވާ އިސްރާއީލާއި އެެއްކޮޅަށް ވެސް މެންބަރުން ވަނީ ވޯޓު ދީފަ އެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގައި މި ކަމަށް ބަހުސް ކުރުމަށް ނުފެންނަ ކަމަށް ގިނަ މެންބަރުންގެ ތާއީދާއެކު މި އިސްލާހު ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ. ކެންޓަކީގެ ރިޕަބްލިކަން މެންބަރު ތޯމަސް މަސީ، ސްޓޭޓް ޑިޕާޓްމަންޓުގެ ޚަރަދުތަކާ ބެހޭ ބިލަށް ހުށަހެޅުއްވި މި އިސްލާހު ބޭރުކޮށްލީ 314 ވޯޓުންނެވެ.

މި އިސްލާހަށް ޑިމޮކްރެޓިކް ޕާޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މެންބަރުން ތާއީދުކުރެއްވިއިރު، މިއީ ގާޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޕްރޮގްރެސިވް މެންބަރުންނާއި އިސްރާއީލާ ދެމެދު އޮތް ގުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ހާމަވެގެންދިޔަ ކަމެކެވެ.

ނަމަވެސް، 103 ޑިމޮކްރެޓިކް މެންބަރުންނާއި އެއް ރިޕަބްލިކަން މެންބަރަކު މި އިސްލާހަށް ތާއީދުކުރެއްވުމަކީ ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ. މިއީ މީގެ ކުރިން އިސްރާއީލަށް ތާއީދުކޮށް ހުށަހެޅޭ ބިލްތައް ގާތްގަނޑަކަށް ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްވަމުން އައި އައުމާ މުޅިން ތަފާތު މަންޒަރެކެވެ.

ޑިމޮކްރެޓިކް ޕާޓީގެ ވާތުފިޔައިގެ މެންބަރުން ދަނީ އިސްރާއީލަށް ދޭ އެހީ ހުއްޓާލުމަށް ބާރުއަޅަމުންނެވެ. އަދި މެދުމިނުގެ ވިސްނުން ގެންގުޅުއްވާ މެންބަރުން ބާރުއަޅުއްވަނީ ހަމައެކަނި ދިފާއީ ހަތިޔާރު ގަތުމަށް ފައިސާ ފޮނުވުމަށެވެ.

ތޯމަސް މަސީ އަކީ ބޭރުގެ އެހީ ދިނުމާ އާންމުކޮށް ދެކޮޅު މެންބަރެއް ނަމަވެސް، އޭނާ ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވީ ގާޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އާންމުންނަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން ކަމަށެވެ.

"ގާޒާގައި 70,000 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި. އަދި އަޅުގަނޑުމެންނަކީ އެކަމުގެ ބައިވެރިން ކަމުގައި ވާންޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން،" މަޖިލީހުގައި ބަހުސްކުރައްވަމުން އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk