
އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ރައީސްގެ ޤަރާރަކުން ހަމަޖައްސަވައިފި

އާމިނަތު ޝަޒްލާ - 13 މޭ 2026 - 04:36
އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި، ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހުގެ ބާވަތެއްކަމަށްވާ މިތައިލްފެނިޑޭޓް ލިބޭނެ ގޮތް ހަމަޖެއްސުމަށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިސްލާޙްގެންނެވުމަށް ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ.
މިގޮތަށް ކަނޑައެޅުއްވީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ ޖަދުވަލު 1 އިޞްލާޙުކުރައްވާ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި، ނަންބަރު 10/2026 ޤަރާރުންނެވެ.
ރައީސް މިގޮތަށް ނިންމެވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 4-3 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، އެ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައިވާ މިތައިލްފެނިޑޭޓް އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އެ ބޭސް ހަމަޖެއްސުމަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާކަމަށް، 11 މޭ 2026 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ފާސްކުރައްވާފައިވާތީއެވެ.
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 3-4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަންފަށާފައެވެ. އެހެންކަމުން މި އިޞްލާޙާއެކު، އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ދިވެހިރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި
3 ގަޑިއިރު ކުރިން

މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރަށް
5 ގަޑިއިރު ކުރިން

ދައުރު ނިމިގެންދާނީ ބިދޭސީންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގަ ރާއްޖެ ހިމެނިގެން: ވަޒީރު އިހްސާން
5 ގަޑިއިރު ކުރިން

ސައުތު އޭޝިއަން ވެއިޓްލިފްޓިން ފެޑެރޭޝަނުގެ ނައިބަކަށް ހަމީދް އިންތިޚާބުކޮށްފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)