އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ކަމަށް ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
އަސްލުޓީވީގެ ވަތުބަތާން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުހުތާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޓިނު ނަގައިން އެ ތަނަށް ސިފައިންނާއި ފުލުހުން ވެއްދި ކަމަށް ޔާމީން އެއްބަސްވެވަޑައިގެންފައިވާކަމަށާއި ދައުލަތުގެ ތިން ބާރުން އެއްބާރުގެ ގައިގައި އެގޮތަށް އަތްލެވިގެންނުވާނެކަމަށެވެ. ވުމާއެކު ޔާމީނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މުހުތާޒު ގޮވާލެއްވިއެވެ.
" ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލަކީ ޖިނާއީ ކުށެއް. ރައީސް ނަޝީދަށް ފިޔަވަޅު އެޅުނުގޮތައް ޔާމީނަށްވެސް ފިޔަވަޅު އެޅެންވާނެ." މުހުތާޒު
ނަޝީދުގެ މައްޗަށް ތަހުގީގު ހިންގައި ޓެރަރިޒަމްގެ ދައުވާ އުފުލީ އޭރު ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގަގައެވެ.
ޔާމީންގެ ވެރިކަމުގައި އޭރު ބަންދުގައި ތިބި ސިޔާސީ ގިނަ ބޭފުޅުންތަކެއް ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިތަކެއް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމެއް ނެރުނެވެ. އެކަމަކު އެ އަމުރު ތަންފީޒުކުރުން ފަސްކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު ސްޕްރީމް ކޯޓު ތެރެއަށް ފުލުހުންނާއި ސިފައިން ވަދެ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ދޫނިދޫގައި ބަންދުކޮށްފައެވެ. އަދި މި މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވެސް ހައްޔަރުކޮށްފައިވެއެވެ.