
ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުން ފެށެން ބާކީ 3 ދުވަސް!

ޖިނާން ޙުސައިން ޖަބީން - 10 ނޮވެމްބަރު 2026 - 13:04
މި ސަރުކާރުން މެރީނާ މަޝްރޫއެއް ހިންގުމުގެ ނަމުގައި ރަސްމާލޭގެ ބިމުން ބޮޑު ސަރަހައްދެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްފައިވާތީ، މިކަމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކާ ހަމައަށް ދިއުމަށް އެދި ގައުމީ ހަރަކާތުގެ ފަރާތުން އިންތިޒާމުކުރާ ބޮޑު އެއްވުން ބޭއްވުމަށް ބާކީ ތިން ދުވަހަށް ވެއްޖެއެވެ.
މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހުކުރު ދުވަސް ކަމުގައިވާ މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މި އެއްވުމުގައި ބައިވެރިވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ރައްޔިތުން މާލެ ސަރަހައްދަށް ޖަމާވާނެ ކަމަށް މިހާރު ވަނީ ލަފާކުރެވިފައެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ނަމުގައި ފެށި މަޝްރޫއެއް ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވީ ނަމަވެސް، މިފަހުން އެ ސަރަހައްދުން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ހުސްނުވާ 99 އަހަރަށް ކުއްޔަށް ދޭން ނިންމުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ، އެ ކުންފުންޏަށް ބިން ދޫކުރަނީ ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ގާނޫނުން ހުއްދަކުރާ 99 އަހަރުގެ ލީޒް އުސޫލުން ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ހުރިހާ ވަސީލަތްތަކާއި ހަރުމުދަލުގެ ފުރިހަމަ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށް ކަމަށް ސަރުކާރުން ބުނެއެވެ. މީގެއިތުރުން، ރާއްޖޭގެ މުޅި ޖީޑީޕީ 8.13 ބިލިއަން ޑޮލަރުގައި އޮތްއިރު، މިއީ ރާއްޖޭގެ ޖުމްލަ އިގްތިސާދަށްވުރެ ދެގުނަ ބޮޑު، އަދި ރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓް ކަމަށް ވެސް ސަރުކާރުން ފާހަގަކުރެއެވެ.
ނަމަވެސް، މި އެއްވުން އިންތިޒާމުކުރާ ފަރާތްތަކުންނާއި މި މަޝްރޫއާ ދެކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އީގަލް ހިލްސްގެ ބާނީ މުހައްމަދު އަލްއައްބާރަކީ ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވާ އަދި އެ ފަރާތްތަކަށް ވާގިވެރިވާ މީހެއް ކަމަށްވާތީ، ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، ސަރުކާރުން އަލްއައްބާރާ ގުޅިގެން ކުރަމުންދަނީ އެ މަސައްކަތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، ސަރުކާރުން ވަނީ މިފަދަ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.
ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިކުރުވަން އުޅޭ ކަމަށް ބުނެ، މިކަމާ ދެކޮޅަށް މީސްމީޑިއާގެ އެކި މަންސަތަކުގައި އަޑުއުފުލައި ޝުއޫރު ފާޅުކުރަމުންދާ ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ބަހެއް ނެތި ރަސްމާލެ ވިއްކައިފިނަމަ ރައީސްގެ މައްޗަށް ދައުވާކުރެވޭނެ: އަލީ ހުސައިން
3 ގަޑިއިރު ކުރިން

"ރައްޔިތުންނޭ ދީލާ ނުލާށޭ!"
13 ގަޑިއިރު ކުރިން

ރަސްމާލެ ވިއްކުން ހުއްޓުވަން ދެކެވޭ ވާހަކަތައް އޮއްބާލަން ނޫސްވެރިންނަށް ނުފޫޒު ފޯރުވަނީ!
ދުވަހެއް ކުރިން

"ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން"
ދުވަހެއް ކުރިން


