.jpg&w=3840&q=75)
އިންދިރާ ގަންދީ މެމޯރިއަލް ހޮސްޕިޓަލް
ރާއްޖޭގައި ހަކުރުބަލީގެ ނުރައްކާ ބޮޑުވެ، ބަލި ޖެހިފައިވާ މީހުންގެ އަދަދު 7،000 އިން މައްޗަށް!

އާމިނަތު ޝަޒްލާ - 14 ނޮވެމްބަރު 2026 - 12:47
ރާއްޖޭގެ އާބާދީގެ ނިސްބަތުން ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފަރުވާ ހޯދަމުންދާ ހަކުރުބަލީގެ މީހުންގެ އަދަދު 7،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މި ތަފާސްހިސާބުތައް ހާމަކޮށްފައިވަނީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ނެރުނު ޚާއްޞަ ރިޕޯޓެއްގައެވެ.
މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" މިއެވެ. މި ޝިޢާރުގެ ދަށުން ބަލިން ރައްކާތެރިވުމަށާއި، ބަލި ކުރީކޮޅުގައި ދެނެގަތުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހޮސްޕިޓަލްތަކުން އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ޓައިޕް 1 ޑައިބެޓީސް ހުރި 300 އެއްހާ މީހުން ދިރިއުޅެމުންދެއެވެ. އަދި ދިރިއުޅުމުގެ ވައްޓަފާޅިއާ ބޮޑަށް ގުޅިފައިވާ ޓައިޕް 2 ޑައިބެޓީސް ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދު ވަނީ 7،000 އަށް އަރާފައެވެ. މީގެއިތުރުން، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 250 އެއްހާ އަންހެނުން ފަރުވާ ހޯދަމުން އަންނަކަންވެސް އެޗްޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ރާއްޖޭގެ ސިއްހީ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން ދިއުމެވެ. އެގޮތުން، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުންނަކީ މިފަދަ ބަލިތަކުގެ ޝިކާރައަކަށްވެގެން މަރުވާ މީހުންނެވެ. އަދި މީގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ މައިގަނޑު ސަބަބަކީ ހަކުރުބައްޔާއި އޭގެ ސަބަބުން ދިމާވާ އެކި ސިއްހީ މައްސަލަތައް ކަމަށްވެސް އެ އެޖެންސީން ބަޔާންކުރެއެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް އައި އިޤްތިޞާދީ އަދި އިޖުތިމާޢީ ބަދަލުތަކާއެކު، ދިވެހިންގެ ކެއިންބުއިމުގެ އާދަތަކަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުން މަދުވުމާއި، ޕްރޮސެސްކޮށްފައިވާ ކާނާއާއި ފޮނި ބުއިންތައް ބޭނުންކުރާ މިންވަރު އިތުރުވުމަކީ ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އިންތިހާއަށް އިތުރުވެގެންދިޔަ މައިގަނޑު ސަބަބުތަކެވެ.
ހަކުރުބައްޔަކީ ހަމައެކަނި ލޭގައި ހަކުރު ގިނަވުމުގެ މައްސަލައެއް ނޫނެވެ. އޭގެ ސަބަބުން ހިތުގެ ބަލިތަކާއި، ކިޑްނީ ފޭލްވުމާއި، ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި އެތައް ޞިއްޙީ މައްސަލަތަކަކަށް މަގުފަހިވެއެވެ. މިކަމުގެ ސަބަބުން ޤައުމީ ފެންވަރުގައި ސިއްހީ ފަރުވާއަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވެ، އާއިލާތަކަށް އިޤްތިޞާދީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހެއެވެ.
މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ދުޅަހެޔޮ ކާނާ ކެއުމަށާއި، ދުވަހުން ދުވަހަށް ކަސްރަތު ކުރުމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. އަދި ބަލި އަވަހަށް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ޤަވާއިދުން ޞިއްޙީ ޓެސްޓުތައް ހެދުމުގެ މުހިންމުކަން އެޗްޕީއޭއިން އަބަދުވެސް ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޢަދާލަތު ޕާޓީ ޕީއެންސީއާ އިއްތިޙާދުވަނީ
5 ގަޑިއިރު ކުރިން

ޒަޔަނިސްޓުންނަށް އިޙްތިރާމްކުރުން މި ޤައުމުގައި ތަންފީޛެއް ނުކުރެވޭނެ: މަލީހް
6 ގަޑިއިރު ކުރިން

އިންފްލުއެންޒާ ފެތުރޭތީ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
10 ގަޑިއިރު ކުރިން

ބަނގުރަލުގެ ބޮޑު ނެޓްވޯކެއްގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކުރާ ރަޝްވާންގެ ބަންދު އިތުރު!
11 ގަޑިއިރު ކުރިން


