.jpg&w=3840&q=75)
އިންސާނީ އެހީ ހޯދަން ގޮސްތިބި އާންމުންގެ ތެރެއަށް ބަޑިޖަހައި އަނެއްކާވެސް 27 މީހުން ޝަހީދުކޮށްލައިފި

ސައިފް އަޒުހަރު - 03 ޖޫން 2025 - 08:59
ޣައްޒާގައި އިންސާނީ އެހީ ހޯދަން ގޮސްތިބި އާންމުންގެ ތެރެއަށް އިސްތިއުމާރީ ޓެރަރިސްޓުން ބަޑިޖަހައި އަނެއްކާވެސް 27 މީހުން ޝަހީދުކޮށްލައިފިއެވެ.
މިއަދު ހެނދުނު ބަޑިޖަހާފައިވަނީ ރަފަހްގައި އިންސާނީ އެހީ ބަހަން ކަނޑައަޅާފައިވާ ސަރަހައްދުގައެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނަނީ، އިސްތިއުމާރީ ސިފައިން އެއްވެސް ގޮތެއްފޮތެއް ނުބަލައި އާންމުންނާ ދިމާއަށް ބަޑިޖެހީ ކަމަށެވެ.
27 މީހުން ޝަހީދުވުމުގެ އިތުރުން، އިތުރު 200 މީހުން ޒަޚަމްވެފައިވާ ކަމަށް، ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ.
ބަނޑުހައިހޫނުކަމުގައި ތިބި ޣައްޒާގެ އާންމުން ޝަހީދުކުރަމުން މިގެންދަނީ، އެމެރިކާއާއި އިސްރާއީލުން ހަދައިގެންއުޅޭ "ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން" އިން އެހީ ބަހަން ކަނޑައަޅާފައިވާ ސައިޓްތަކުގައެވެ.
އެ ސައިޓްތަކުގައި ވޭތުވެދިޔަ 8 ދުވަހުގެ ތެރޭގައި 102 މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި ވެއެވެ.
މިއަދުގެ ގަތުލުއާންމާ ގުޅިގެން ޣައްޒާ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުން ހިންގާ އެހީ ބެހުމުގެ ސްކީމަކީ ގިނަ އާންމުން އެއްތަނަކަށް ޖަމާކުރުމަށްފަހު މެރުމަށް ރާވައިގެން ޖަހާފައިވާ ދަންތުރައެއް ކަމަށެވެ.
ޣައްޒާ މީޑިއާ އޮފީހުގެ ބަޔާނުގައި އިސްތިއުމާރީ ބާރުން ހިންގާ ގަތުލުއާންމު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ.
އަދި މިއީ، ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ 1948 ވަނަ އަހަރުގެ މުއާހަދާގެ ދެވަނަ މާއްދާގެދަށުން ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭ ކަމެއް ކަމަށް ބުނެފައި ވެއެވެ.
އިސްރާއީލުން ހިންގާ މި ޖަރީމާތަކާ ދެކޮޅަށް އދއާއި، ބައިނަލްއަގްވާމީ އިދާރާތަކުން ވަގުތުން ފިޔަވަޅު އަޅައިދިނުމަށްވެސް ޣައްޒާ މީޑިއާ އޮފީހުން ގޮވާލާފައި ވެއެވެ.
ހަމަ އެއާއެކު، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް ހުރަހެއް ނުވަތަ ޝަރުތުތަކެއް ނެތި ހުރިހާ މަގުތަކެއް ހުޅުވުމަށް ކުރިމަތި ކުރެވެންއޮތް ހުރިހާ ޕްރެޝަރެއް އިސްތިއުމާރީ އިސްރާއީލަށް ކުރިމަތި ކުރުމަށްވެސް މީޑިއާ އޮފީހުގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.