logo

ނޭޕާލްގައި ފެންބޮޑުވެ 180 މަރު، 1،300 ގެއްލިފައި!

profile

އާމިނަތު ޝަޒްލާ - 27 އޯގަސްޓު 2026 - 12:12

ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ޖުމްލަ 180 މީހަކު މަރުވެ، 1،300 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ކަމާބެހޭ ފަރާތްތަކުން ހިންގަމުންދާ ކަމަށް ނޭޕާލްގެ ޓޫރިޒަމް ބޯޑުން ވަނީ ހާމަކޮށްފައެވެ.

https://wamco.com.mv/

ޗައިނާއާ ބޯޑަރުވާ ހިމާލަޔާން ޑިސްޓްރިކްޓްގެ ފަރުބަދަ ވާދީތަކުގެ ތެރެއިން ފައިބާ ކޯރުތަކުން ފެން ބޮޑުވެ، ވަށައިގެންވާ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ނޭޕާލްގެ ފުލުހުންނާއި އާންމުން މީސް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން، ކޯރުތަކުން ފެން ބޮޑުވެ ވާދީތައް ގަނބައިގެން ދިޔަ ހިތްދަތި މަންޒަރުތައް ފެނިގެން ދެއެވެ.

ނޭޕާލްގެ ޓޫރިޒަމް ބޯޑުން ބުނެފައިވަނީ ޓިބެޓާ ބޯޑަރު ސަރަހައްދުގައި ހިނގި މި ހާދިސާ ހިނގިތާ 24 ގަޑިއިރަށް ވުރެ ގިނައިރު ފަހުންވެސް 517 ބިދޭސީ ފަތުރުވެރިއަކާ ގުޅޭ ގޮތް ވެފައި ނުވާ ކަމަށެވެ. ކާރިސާ ކުރިމަތިވި ސަރަހައްދުތަކުގައި ތިބި ފަތުރުވެރިންނާއި ދަތުރުވެރިންގެ ހާލަތު ޔަގީން ކުރުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ނުހުއްޓި މަސައްކަތް ކުރަމުންދާ ކަމަށްވެސް ޓޫރިޒަމް ބޯޑުން ވަނީ ބުނެފައެވެ.

ނޭޕާލްގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ނޭޕާލްގެ ސަރަހައްދުން ގެއްލިފައިވާ ޖުމްލަ މީހުންގެ އަދަދަކީ 823 ކަމަށެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި ގިނަ ޤައުމުތަކެއްގެ ރައްޔިތުން ހިމެނެއެވެ. އެ ގޮތުން، އިންޑިއާގެ 178 މީހަކާއި، އެމެރިކާގެ 65 މީހަކާއި، ޔޫކްރެއިންގެ 53 މީހަކާއި، މެލޭޝިއާގެ 51 މީހަކާއި، އޮސްޓްރޭލިއާގެ 35 މީހަކާއި، އިނގިރޭސިވިލާތުގެ 33 މީހަކާއި، ކެނެޑާގެ 25 މީހަކު ހިމެނެއެވެ. މީގެ އިތުރުން ސިންގަޕޫރުން ނުވަ މީހަކާއި، ޖަރުމަނުންނާއި ރަޝިޔާ އިން ކޮންމެ ޤައުމަކުން އަށް މީހަކު ވެސް ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާ ފަޅިން ބަލާއިރު، ދައުލަތުގެ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓިބެޓްގެ ގިރޮންގް ބަނދަރުގެ ސަރަހައްދުގައި ހިނގި ކާރިސާގައި ތިން ބިދޭސީ ރައްޔިތަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. 260 ބިދޭސީފަތުރުވެރިން ހިމެނޭ ގޮތަށް ޖުމްލަ 558 މީހަކު ގެއްލިފައިވާ ކަމަށްވެސް ޗައިނާގެ ދައުލަތުގެ މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.

މި ބޮޑު ކާރިސާ ހިނގީ ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދަކީ ދުނިޔޭގެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ހިމާލަޔާ ފަރުބަދަ ތަކުގެ ވަށައިގެންވާ ސަރަހައްދަކަށް ވާތީ، ގިނަ ޢަދަދެއްގެ ބިދޭސީ ފަތުރުވެރިން ހިމެނޭ ގޮތަށް ގިނަ ބަޔަކަށް ގެއްލުން ލިބިފައިވެއެވެ. ކޯރުތަކުން ފެންބޮޑުވެ ވާދީތަކަށް ފެން ވަދެ، ދަތުރުފަތުރުގެ ގިނަ މަގުތައް ބަންދުވެ، ސަރަހައްދުތަކާ ގުޅޭ ގޮތް ކެނޑިގެން ދިއުމަކީ ސަލާމަތީ ބާރުތަކަށް ހޯދުމުގެ މަސައްކަތް ހިންގުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ކަމާ ބެހޭ ފަރާތްތަކުން ވަނީ ހޯދާ ސަލާމަތްކުރުމުގެ ޓީމްތައް ސަރަހައްދަށް ފޮނުވާ، ވީ އެންމެ އަވަހަކަށް ގެއްލިފައިވާ ހުރިހާ ފަރާތްތަކެއްގެ ހާލަތު ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. ގިނަ ޢަދަދެއްގެ ބިދޭސީ ރައްޔިތުން ގެއްލިފައިވާތީ، ގިނަ ޤައުމުތަކެއްގެ ސަރުކާރުތަކުން ވެސް ނޭޕާލްގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

https://wamco.com.mv/
tel:+9607331319