
މި ޒަމާނަށް ފެތޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފި!

ރިޟްވާން މޫސާ - 26 އޯގަސްޓު 2026 - 10:45
މި ޒަމާނުގެ ކަންކަމަށް ފެތޭނެ ފަދަ ގޮތަކަށް މަޝްވަރާ ކުރުމާއެކު ރާއްޖޭގެ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުން ފާސްކުރި މި އިސްލާހު ރައީސުލް ޖުމްހޫރިއްޔާ ތަސްދީދުކުރުމާއެކު މި އައު އިސްލާހަށް އަމަލުކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ލާޒިމް ވާނެ އެވެ.
މި އިސްލާހު ފާސްކުރުމަށް ވޯޓަށް އެހުމުން މި އިސްލާހު ފާސްކުރަން ވަނީ 47 މެންބަރުން ވޯޓުދެއްވާފަ އެވެ. މިއީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ހުށަހެޅުއްވި ބިލެކެވެ.
މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރު ނިޒާމު ބޭނުންކުރާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތެއްގެމަތިން އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެމަތިން ރާވައި ހިންގައި އަދި ބެލެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ކަނޑައެޅުމެވެ.
މި ބިލުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ޝަރުތުތަކާއި މިންގަނޑުތަކާއި އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޝަތުރުތަކާއި، އުޅަނދު މަޑުކުރުމާއި، ޕާކު ކުރުމާއި އުޅަނދު ބޭނުންކުރުމުގެ ހަމަތައް ވަނީ ހިމަނާފައެވެ.
އަދި އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ މިންގަނޑުތަކާއި، ތަންފީޒީ އިދާރާތަކަށް ލިބިފައިވާ ބާރުތަކުގެ އިތުރުން ޤާނޫނާއި ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލެއް ކޮށްފިނަމަ ލައިސަންސް ހިފެހެއްޓޭނެ ކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އަދި ދައްކަންޖެހޭ ފީއާއި ޖޫރިމަނާގެ ފައިސާގެ އަދަދު 5000 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ވެއްޖެނަމަވެސް ލައިސަންސް ހިފެހެއްޓޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަމަށް ޖަމީލާ އައްޔަނުކުރަން ފާސްކޮށްފި
14 ގަޑިއިރު ކުރިން

ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު މަޖިލީހުން ފާސްކޮށްފި
14 ގަޑިއިރު ކުރިން

ހުއްދަނެތި ބޭރު ފައިސާ ވިއްކުން މަނާކުރާ ބިލު މަޖިލީހުން ފާސްކޮށްފި
15 ގަޑިއިރު ކުރިން

ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ހިނގައްޖެ
15 ގަޑިއިރު ކުރިން


