
އެޗްއާރްސީއެމްގެ މެންބަރުން---
ޖިންސީ އަނިޔާ ލިބުނު މީހުންގެ މައުލޫމާތު އާންމު ނުކުރަން އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި

ޖިނާން ޙުސައިން ޖަބީން - 24 އޮކްޓޯބަރު 2026 - 18:17
ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރި މައްސަލައާ ގުޅިގެން، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތް ގެއްލޭ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީސްމީޑިއާގައްޔާއި ނޫސްތަކުގައި އާންމުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެޗްއާރްސީއެމުން މީސްމީޑިއާ މަންސަ އެކްސްގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، މި އަނިޔާވެރި އަމަލާ ގުޅުވައިގެން ހަބަރާއި މައުލޫމާތު ފެތުރުމުގައި އަނިޔާ ލިބުނު މީހުންނާއި ކުދިންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ، އެ ފަރާތްތައް އިތުރު ނުރައްކަލަކަށާއި ނަފްސާނީ އަދި އިޖުތިމާއީ އަނިޔާއަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ އެއްވެސް މައުލޫމާތެއް ދައުރުނުކުރުމަށް އެންމެހައި ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަހުގީގު ވީ އެންމެ އަވަހަކަށް ނިންމައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ކަމާބެހޭ މުއައްސަސާތަކަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފައެވެ.
މި ހާދިސާގައި ޖިންސީ އަނިޔާ ލިބިފައިވަނީ އުމުރުން 22 އަހަރުގެ އަންހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ދެ ކުއްޖަކަށްކަން ފާހަގަކޮށްލަންޖެހެއެވެ. އެ އަންހެން މީހާއަށް ގަދަކަމުން ގިނަ ބަޔަކު ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ އަމަލުތަކެއް ވެސް މި މައްސަލައިގެ ތެރޭގައި ހިނގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނައިރު، ތަހުގީގަށް ހާއްސަ ޓީމެއް މާލެއިން މިހާރު ވަނީ އެ ރަށަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް 9 ފިރިހެނުން ހައްޔަރުކޮށްފައިވީ ނަމަވެސް މި މައްސަލަ އިތުރަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޖެންޑާ އިން ތުއްތު ކުއްޖާ ނެގި މައްސަލަ ދަނީ ދިރާސާ ކުރަމުން: އެޗްއާރުސީއެމް
2 މަސް ކުރިން

މީދޫގެ ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް ރަގަޅަށް: އެޗްއާރުސީއެމް
4 މަސް ކުރިން

އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކުރަން އެޗްއާރުސީއެމް އިން ގޮވާލައްވައިފި
7 މަސް ކުރިން
.png&w=3840&q=75)
އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި
10 މަސް ކުރިން


