އީޝާ: އިޖުތިމާޢީ ކަންކަމުގައި މިދައްކަނީ އާދަޔާ ޚިލާފު ނަމޫނާއެއް
ޒިދާން މުޙައްމަދު - 08 ޑިސެމްބަރު 2024 - 05:37
އައިޝަތު އީޝާ އަޝްރަފް، ޝީޝާ/ ސ. މީދޫ، 23
"އައިޝަތު އީޝާ އަޝްރަފް، ޝީޝާ/ ސ. މީދޫ، ރަށު ނެޓްބޯލް ޓީމަށް 10،000 ރުފިޔާ އަދި ގޯލްޑް ކަޕް މުބާރާތުގައި ބައިވެރިވި ފުޓްބޯލް ޓީމަށް 10،000 ރުފިޔާ ދިނުމަކީ ބަލައިގަންނަންޖެހޭ ޝުކުރު ހައްގު ކަމެއް. އީޝާ ފަދަ އިޖުތިމާޢީ ކުދިން މަދުން ނަމަވެސް ރަށުގެ އިޖުތިމާޢީ ކަންކަމަށް އެހީވާން ތިބުމަކީ މީދޫގެ އެންމެހާ ރައްޔިތުން އުފާކޮށް ޝުކުރުވެރިވާންޖެހޭ ކަމެއް."
އައްޑޫ ސިޓީ މީދޫ ޒުވާނަކު ސޯޝަލް މީޑިއާގައި ލިޔެފައިވާ މިޕޯސްޓަށް އަހަރެންގެ ޝައުގުވެރިކަން ހުއްޓުނީ ޒުވާނެއްގެ ފަރާތުން ރަށުގެ އިޖުތިމާޢީ ކަންކަމަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައިވާތީއެވެ. އެދުމެއް ނެތި ވެދުމެއް މިފަދަ ޒަމާނެއްގައި ކުރާނީ ވަރަށް މަދު ބައެކެވެ. ހާއްސަކޮށް އިޖުތިމާޢީ ކަންކަމަށް މާލީގޮތުން އެހީތެރިވާނޭ މިފަދަ ޒުވާނުން ވަރަށް މަދުވާނެއެވެ. ގިނަ ފަހަރަށް މިފަދަ ކަމަކަށް އެއްޗެއް ދިއްކޮށްލިޔަސް ދިއްކޮށްލާނީ ވިޔަފާރީއަކުން ނޫނީ ވިޔަފާރިވެރިއެކެވެ. ވެފައި އޮންނަނީ ކޮންމެވެސް ބޮޑު ކުންފުންޏަކުން ނޫނީ މަހުޖަނަކު ދޭ ސްޕޮންސަރއަކަށެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓާ ގުޅިގެން މީހަކު ލިޔެފައިވެއެވެ.
"ރަށުގެ އިޖުތިމާޢީ ކަންކަމުގައި އަބަދުވެސް އެހީތެރިވެދޭކަން ފާހަގަކުރަމެވެ. ޚާއްސަކޮށް އަޅުގަނޑުވެސް އެ ޖަމިއްޔާއަކަށް ނިސްބަތްވާ މުލިމަތި ޔުނައިޓެޑަށްވެސް ވަރަށް ގިނަ ފަހަރު އެހީތެރިވެދިންކަން ފާހަގަކުރަމެވެ."
އައިޝަތު އީޝާ އަޝްރަފަކީ ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިއެއް
މިހާ ހިސާބުން އަހަރެންގެ ޒަމީރަށް މަޖުބޫރު އެންގީ އީޝާގެ ވާހަކަ ނޫހުގައި ހިއްސާކުރުމަށެވެ. ޒުވާނުންނަށް ހުރި ނަމޫނާއެއް ކަމުގައެވެ. އެހެން ފަރާތްތަކުންވެސް ޢީޝާގެ ވާހަކައިން އިބުރަތް ލިބިގަނެ އިޖުތިމާޢީ ކަންކަމުގައި މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވުމަށް ބާރުއެޅުމަށެވެ.
އުމުރުން 23 އަހަރުގެ އައިޝަތު އީޝާ އަޝްރަފަކީ އައްޑޫ ސިޓީ މީދޫ ދާއިރާގެ ޕީއެންސީގެ ޒުވާނުންގެ ރައީސެވެ. އޭގެ ކުރިން ޕީޕީއެމްގައި ސްޓީރިއަން ކޮމިޓީގެ ޒުވާނުންގެ ރައީސްގެ މަގާމުވެސް އަދާކުރިއެވެ. މިވަގުތު ވަކި މަސައްކަތެއް ނުކުރާ، އީޝާ އަންނަނީ، އަމިއްލަ ސެލޫނެއް ހުޅުވުމަށް ތައްޔާރީތައް ވަމުންނެވެ. އޭނާގެ އުންމީދަކީ އަމިއްލަ ވިޔަފާރިއެއް ވީހާވެސް އަވަހަކަށް ފަށައިގަތުމެވެ.
ޒުވާނުންގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެނީ ނުވަތަ ޒުވާނުން ކުރިއެރުވުމަށް މަސައްކަތް ކުރަނީ، އީޝާ ބުނި ގޮތުގައި، އޭނާއަކީވެސް ކުރިން ކުޅިވަރާއި ޒުވާނުންނާ ގުޅުން ހުރި ކަންކަމުގައި އުޅެފައިވާ މީހަކަށް ވާތީއެވެ.
އީޝާ ފާހަގަކޮށްލެވެނީ ވަރަށް ޅައިރުން ފެށިގެންވެސް ކުޅިވަރުގެ ތެރޭގައި އުޅެ ބޮޑުވި ޒުވާނެއްގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން ރަށު ފެންވަރުގައްޔާއި ގައުމީ ފެންވަރުގައި ކުޅިވަރުގެ މައިދާނުގައި އޭނާ ވަނީ ފެނިގެން ގޮސްފައެވެ. ދިވެހިރާއްޖޭގެ އަންހެން ގައުމީ ފުޓްސަލް ޓީމަށް ކުޅުމަކީ ކުޅިވަރުން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެވެ. އޭނާގެ ބައްޕައަކީވެސް ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯލް ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނު ކުޅުންތެރިއެކެވެ. ނިއުރޭޑިއޭންޓް ފަދަ ކުލަބުތަކަށް އޭނާ ވަނީ ކުޅެފައެވެ. އަޝްރަފަކީ އޭރުވެސް އަދި މިހާރުވެސް މީދޫގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ކުޅިވަރުގެ ދާއިރާގައި އީޝާ ހިނގީ ބައްޕަގެ ފިޔަވަޅުމަތިންނެވެ.
އައިޝަތު އީޝާ އަޝްރަފަކީ އިޖުތިމާއީ ޚިދުމަތްތެރިއެއް
އީޝާ ބުނީ، ރަށުގެ އިޖުތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ކަންކަމުގައި މަސްޢޫލުވެ އުޅުމަކީ އޭނާގެ އަމިއްލަ އިސްނެގުމެއް ކަމަށެވެ. ވަކި ހައިސިއްޔަތަކުން ނޫނެވެ. އަމިއްލަ ނަފުސުގައި ހުރި ރަށުވަންތަ ލޯތްބާއި ޖޯޝުގެ ސަބަބުންނެވެ. ޒުވާނުންގެ ކުރިމަގާއި މުސްތަގުބަލަށް ކުރެވޭ ފޮނި އުންމީދުގެ ސަބަބުންނެވެ.
"އަސްލު" ނޫހަށް އިންޓަވިއުރވިއު ދޭން އީޝާ އައީ ރަށުގެ ނެޓްބޯލް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ ސްޕޮންސަރޝިޕެއް ދީފައެވެ. އީޝާ ވަނީ މިނޫންވެސް އެތައް އެހީތެރި ކަމެއް މީދޫގެ ޒުވާނުންގެ ކަންކަމަށް އަދި އިޖުތިމާއީ ހަރަކާތްތަކަށް ވެދީފައެވެ. އޭނާ ފާހަގަކޮށްލެވެނީ އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެވޭ މިންވަރަކުން އަމަލީ މައިދާނުގައިވެސް ހަރަކާތްތެރިއެއްގެ ގޮތުގައެވެ.
އީޝާގެ އެދުމަކީ އަދި އުންމީދަކީވެސް ޒުވާނުން އުފަލުގައި ތިބުމެވެ. ކުރިއަރައި ބާރުވެރިވުމެވެ. ހަރުދަނާ ޒުވާނުންނާ ނުލައި ހެޔޮ މުސްތަގުބަލެއް ނޯންނާނެ ކަމަށް އޭނާ ދެކެއެވެ.
"އަޅުގަނޑަކީވެސް ޒުވާނެއް، އަޅުގަނޑަށް ޒުވާނުންގެ އިހުސާސްތައް އެނގޭ" އީޝާ ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން