
އެމްޕީއެލް ސަރަހައްދުން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ

އާމިނަތު ޝަޒްލާ - 18 ޖުލައި 2026 - 13:43
މާލޭގެ އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުޅާކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގެ ތެރެއިން އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ މިހާރު އެ ކުންފުނިން ކުރިއަށްގެންދާ މަގުގެ ބައި އެއްކޮށް ނިމުމާ އެކުގައެވެ.
މިވަގުތު އެމްޓީސީސީން ކުރިއަށްގެންދަނީ މާލެ-ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މަގު ހެދުމުގެ މަސައްކަތެވެ. އެ ސަރަހައްދުގައި ތާރުއަޅައި ނިންމައި، މިހާރު ވަނީ މަސައްކަތުގެ ބޮޑުބައި ފުރިހަމަކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ފަޅު ހިއްކައިގެން މަގު ފުޅާކޮށް، ހަތަރު ލޭނަށް ދުއްވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި 500 ސައިކަލް ޕާކް ކުރެވޭނެ ޖާގައަކާއި، ތިން ފަރާތުން ލޯންޗުފަހަރު ކައިރި ކުރެވޭނެ އިންތިޒާމު ވެސް ވަނީ ގާއިމްކޮށްފައެވެ.
މަގު ހެދުމުގެ ބޮޑު މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި އެމްޓީސީސީން ވަނީ އެމްޕީއެލް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ތަރައްގީކޮށްފައެވެ. މި ބަދަލާ އެކު، މާރުކޭޓު ސަރަހައްދުގެ ތޮއްޖެހުން ކުޑަވެ، މާލޭގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިފައިވެއެވެ.
އެމްޓީސީސީން މި މަސައްކަތް ކުރިއަށްގެންދަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއި، ހިނގާ މީހުންނަށް ފަސޭހަ ދުވާރުތަކާއި، ރައްކާތެރިކަމުގެ ނިޝާންތަކާ އެކުގައެވެ. މުޅި މަޝްރޫއު އެއްކޮށް ނިމުމުން، ބޮޑުތަކުރުފާނު މަގަކީ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނުވާނެ، ހިތްފަސޭހަ މަގަކަށް ވެގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސިހުރަކީ ކިހާ ނުބައިކަމެއްކަން އެނގޭ ހެއްޔެވެ؟
5 ގަޑިއިރު ކުރިން

ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރަނީ
10 ގަޑިއިރު ކުރިން

އާރްޓީއެލްގެ ޕޭމެންޓް ކަލެކްޝަން،، ބީއެމްއެލްގެ ސާރވަރގެ މެއިންޓަނަންސް މަސައްކަތެއް ކުރެވިފައިވާތީ ކުރީގެ މެސެޖެއް ލިބިދާނެ: އެމްޓީސީސީ
13 ގަޑިއިރު ކުރިން

13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ
15 ގަޑިއިރު ކުރިން


.gif&w=3840&q=75)