logo

ދިވެހި ގައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދިނީ ދިވެހި ސިފައިން: ރައީސް

profile

މުހައްމަދު މުޝްރިފް - 10 މޭ 2026 - 08:16

ދިވެހި ގައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދީފައި ވަނީ ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށާއި، ދިވެހި ގައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަހްރުވެރި މަގާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ސަލާމަތްތެރިކަމާއެކު ހިމާޔަތްކޮށް ދަމަހައްޓަނީ ސިފައިން އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކުރައްވައިގެން ކުރައްވާ ބުރަ މަސައްކަތުން ކަމަށެވެ. އަދި ސިފައިންގެ ކުރިއެރުމާއި ލާބައަށްޓަކައި ސަރުކާރުން ކުރައްވަން ނިންމަވާފައިވާ މުހިންމު ކަންތައްތަކެއް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

އެގޮތުން، ސިފައިންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ އަދަދު އިތުރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން، ސިފައިންގެ ހިދުމަތުގައި ވަކި މުއްދަތެއް ވުމުން ރިޓަޔަރ ކުރަންޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، ތެދުވެރިކަމާއެކު ހިދުމަތުގައި ދެމިތިބެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށާއި، ސިފައިންގެ އަމިއްލަ އާއިލާ ދިރިއުޅޭ ސަރަހައްދުގެ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ގާއިމުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިދުމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ސިފައިންނަށް މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ. އޭގެ ތެރޭގައި މަތިވެރި ހިދުމަތުގެ މެޑަލާއި، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަދި "ފިޓަސްޓް ސޯލްޖާ" ހާސިލުކުރި ފަރާތްތައް ހިމެނެއެވެ. އަދި ބ. ކިހާދޫގައި ގާއިމުކޮށްފައިވާ "ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް" ރަސްމީކޮށް ހުޅުއްވައިދެއްވީވެސް ރައީސް ޑރ. މުއިއްޒެވެ.

ރޭގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ދިފާޢީ ވަޒީރު ހަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ގިޔާސެވެ. މި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހަކީ ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk