logo

އަނެއްކާވެސް އިކުރާމް ހައްޔަރުރަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 01 ސެޕްޓެމްބަރު 2024 - 22:21

އިކުރާމް ހައިކޯޓުގެ ޝަރީއަތުގައި

އިކުރާމް ހައިކޯޓުގެ ޝަރީއަތުގައި

ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިކުރާމް އަނެއްކާވެސް ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖުލައި މަހުގެ 31 ގައި ބާރު ސްޕީޑުގައި ދުއްވާފައިދަނިކޮށް ކޮންޓްރޯލް ނުވެގެން ގޮސް އެ ކާރު ޖެހުނީ މަގުގެ އެއްފަރާތުގައި ހުރި ފިރިހެނެއްގެ ގައިގަ އެވެ. އެ ކާރުގައި ތިބި ތިން މީހުން ވެސް ފިލައިގެން ދިޔުމުން އެ މީހުން ހައްޔަރުކުރީ އޭގެ ޖެހިގެން އައި ދުވަހު އެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހުކުމް ކުރި އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފްކުރުމަށް އިކުރާމް ހުށަހެޅި މައްސަލައިގައި ހައިކޯޓުން މިއަދު ނިންމީ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ނުދީ ކަމަށްވާތީ ދަށު ކޯޓުގެ އެ އަމުރު ބާތިލުކުރުމަށެވެ. އެހެންވެ އޭނާ ވަނީ މިނިވަންވެފަ އެވެ.

މި މައްސަލައިގައި މިނިސްޓަރު އިހުސާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެކަން ހިނގި ގޮތް ތަހުގީގުކޮށް އިހުމާލެއްވެފައިވާނަމަ، އެ މީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އިކުރާމް އަލުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލައިގައި އިހުމާލެއްވެފައިވާނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު އިކުރާމަށް ވަކީލަކު ހަމަޖައްސައިދިނުމާ ގުޅިގެން ފުލުހުން ހައިކޯޓަށް ދޮގު މައުލޫމާތު ދިން މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، ވަކީލަކު ހަމަޖެއްސުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ސުވާލުކުރި ކަމަށް ފުލުހުންގެ ފަރާތުން ހައިކޯޓުގައި ބުނި ނަމަވެސް ކްރިނިމަލް ކޯޓުގެ ޝަރީއަތުގައި އެފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި މުހައްމަދު ފައިސަލް ވިދާޅުވި އެވެ. އެހެންވެ އެ މައްސަލައަކީ ތަހުގީގުކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހައި ކޯޓުން ފާހަގަކޮށްފައިވެއެވެ.

ކުށުގެ ރެކޯޑެއް އޮންނަ އިކުރާމަކީ، 2022 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެކެވެ.

tel:+9607331319