
ރިޕޯޓް - ވެރިކަމުގެ އަމާނާތާއި ދޮގުހެދުމުގެ ނުރައްކާ
ވެރިކަމުގެ އަމާނާތާއި ދޮގުހެދުމުގެ ނުރައްކާ

އަހުމަދު ޖަމީލް - 23 އޮކްޓޯބަރު 2026 - 05:46
ދުނިޔެމަތީގައި އިންސާނަކަށް ޙަވާލުކުރެވޭނެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ، އަދި އެންމެ ބުރަ އިމްތިޙާނަކީ ޤައުމެއްގެ ވެރިކަމެވެ. އެއީ ހަމައެކަނި ލިބޭ ޝަރަފަކާއި، އިއްޒަތަކާއި، ބާރެއް ނޫނެވެ. އަދި ކިއެއްތަ، އެއީ ﷲ سبحانه وتعالى އިންސާނަކާ މަތިކުރައްވާ ބޮޑުވެގެންވާ އަމާނާތެކެވެ.
ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ އަސާސީ އަދި އެންމެ މުހިންމު ސިފައަކީ ތެދުވެރިކަމެވެ. ރައްޔިތުންނަށް ދޮގުހެދުމާއި، ޤައުމުގެ ޙަޤީޤީ ޙާލަތު އޮޅުވާލުމަކީ ވެރިކަމުގެ މި މަތިވެރި އަމާނާތަށް ވެވޭ އެންމެ ނުބައި ޚިޔާނާތެވެ. ބަރަކާތްތެރި ހުކުރު ދުވަހުގެ ޚުޠުބާތަކާއި ހެޔޮ ނަސޭހަތްތަކުން އަޅުގަނޑުމެންގެ ހަނދާނަށް އަބަދުވެސް ގެނެސްދެނީ، އަމިއްލަ ޢަމަލުތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. ދޮގުހެދުމުގެ ހުތުރު ސިފައާ ދުރުހެލިވުމަކީ، ދެދުނިޔޭގެ ބާއްޖަވެރިކަމާއި ކާމިޔާބީ އެދޭ ކޮންމެ ވެރިއަކަށް ކޮންމެހެންމެ ލާޒިމުވެގެންވާ ކަމެކެވެ.
ޝަރުޢީ ވަރުގަދަ އިންޒާރު
ވެރިކަމުގެ ގޮނޑީގައި އިންނަވާއިރު، ވަށައިގެން ތިބޭ މީހުން ދައްކާ ފޮނި ވާހަކަތަކުގެ ސަބަބުން ޙައްޤު މަގު އޮޅިގެންދިޔުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. ނަމަވެސް، ކައުއިތުރު ރަސޫލާ محمد ﷺ ގެ މި ވަރުގަދަ ބަސްފުޅާމެދު ކޮންމެ ވެރިއަކުވެސް ވިސްނާލުން ކީއްތޯއެވެ؟ ޙަދީޘްކުރައްވާފައިވެއެވެ:
"مَا مِنْ عَبْدٍ يَسْتَرْعِيهِ اللَّهُ رَعِيَّةً، يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ، إِلَّا حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ" (ޞަޙީޙުލް ބުޚާރީ އަދި މުސްލިމް )
މާނައީ: "ﷲ ގެ އަޅަކަށް ރައްޔިތުންގެ ކަންކަން ބެލެހެއްޓުން ޙަވާލުކުރެއްވުމުން، އޭނާގެ ރައްޔިތުންނަށް ޚިޔާނާތްތެރިވާ— އެބަހީ އޮޅުވާލައި ދޮގުހަދާ—ޙާލުގައި އޭނާ މަރުވެއްޖެނަމަ، ﷲ އޭނާގެ މައްޗަށް ސުވަރުގެ ޙަރާމްކުރައްވާނެއެވެ."
މިއީ ކޮންފަދަ ބިރުވެރި އިންޒާރެއް ހެއްޔެވެ؟ ސިޔާސީ ވަގުތީ މަންފާއަކަށްޓަކައި ހަދާލެވޭ ދޮގުތަކަކީ، ނިމުމެއްނެތް ދާއިމީ ނިޢުމަތް ކަމުގައިވާ ސުވަރުގެއިން އިންސާނާ މަޙްރޫމްކޮށްލާނެ ކަމެކެވެ.
ދޮގުހެދުމުގެ ނުރައްކާތައް
ވެރިޔަކު ދޮގުހަދަން ފަށައިފިނަމަ، އޭގެ ހިތި ނަތީޖާ ދުނިޔެއާއި އާޚިރަތުގައިވެސް ފެންނަން ފަށައެވެ:
ފުރަތަމަ ކަމަކީ، ސުވަރުގެ ޙަރާމްވުމެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުން އެނގޭ ގޮތުގައި، ރައްޔިތުންނަށް މަކަރާއި ޙީލަތް ހަދައި، ކަންކަން އޮޅުވާލާ ޙާލު މަރުވާ ވެރިޔާއަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ.
ދެވަނަ ކަމަކީ، ﷲ ގެ ކޯފާ ލައިގަތުމެވެ. ޤިޔާމަތްދުވަހުގެ އެ ނާމާން ވަގުތުގައި، މާތް ﷲ ގެ ރަޙްމަތުން މަޙްރޫމްވެ، އެކަލާނގެ ބައްލަވައިވޮޑިނުގަންނަވާނެ، އަދި ވާހަކަފުޅުވެސް ނުދައްކަވާނެ ތިން މީހުންގެ ތެރޭގައި "ދޮގުހަދާ ވެރިޔާ" ހިމެނެއެވެ. ބާރާއި އިޚްތިޔާރު ލިބިފައިވާ މީހަކު ނިކަމެތި ރައްޔިތުންނަށް ދޮގުހެދުމަކީ، މާތް ﷲ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ އެއް ޢަމަލެވެ.
ތިންވަނަ ކަމަކީ، ޤައުމުން ބަރަކާތް ކެނޑި، ފިތުނަ ޢާންމުވުމެވެ. ވެރިޔާގެ ދުލުން ތެދުބަސް ބުނުން ހުއްޓި، ދޮގު ވަޢުދުތައް ގިނަވާން ފެށުމުން މުޅި ޤައުމުން ބަރަކާތް ކެނޑިގެންދެއެވެ. ވެރިންނާއި ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢުގައި ބައިބައިވުމާއި، ނަފްރަތާއި، ފިތުނަފަސާދައިގެ އަނދިރިކަން ވެރިވެގެންދެއެވެ.
އިޚްލާޞްތެރި ނަސޭހަތް
ވެރިކަމަކީ ވަގުތީ އެއްޗެކެވެ. މިއަދު ތަޚްތުގައި އިންނެވި ނަމަވެސް، މާދަމާ އޮންނަންޖެހޭނީ ހަނި ކަށްވަޅުގައެވެ. އެހެންކަމުން، ދެދުނިޔޭގެ ސަލާމަތަށް އެދޭނަމަ މި ކަންކަމަށް ސަމާލުވެވަޑައިގަންނަވާށެވެ:
ފުރަތަމަކަމަކީ، ތެދުވެރިކަން އިސްކުރެއްވުމެވެ. ސިޔާސީ ގޮތުން ކިތަންމެ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވި ނަމަވެސް، އަދި ދުނިޔަވީ ގޮތުން ކިތަންމެ ލަދުވެތި ޙާލަތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރައްޔިތުންނަށް ޙަޤީޤަތް ހާމަކުރައްވައި ތެދުބަހުން މުޢާމަލާތް ކުރައްވާށެވެ. ދުނިޔޭގެ ވަގުތީ އަޑިގުޑަންތަކަށްވުރެ އާޚިރަތުގެ ލަދުވެތިކަން މާ ބޮޑެވެ.
ދެވަނަކަމަކީ، އިޚްލާޞްތެރިކަމާއެކު ތައުބާވެވަޑައިގަތުމެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންނަށް ދެވިފައިވާ ދޮގު މަޢުލޫމާތުތަކާއި، ފުއްދައިނުދެވުނު ދޮގު ވަޢުދުތަކަށް މާތް ﷲ ގެ ޙަޟްރަތުގައި ތައުބާވެ، ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާށެވެ. ކުށް ޤަބޫލުކުރުމަކީ ވެރިއެއްގެ އަގު ވެއްޓޭނެ ކަމެއް ނޫނެވެ؛ އަދި ކިއެއްތަ، އެއީ އިޚްލާޞްތެރިކަމުގެ ހެތްކެކެވެ.
ތިންވަނަކަމަކީ، ޢަދުލުވެރިންގެ ދުޢާ ހޯއްދެވުމެވެ. ދޮގާއި، އޮޅުވާލުމާއި، މަކަރުވެރިކަން އެއްކައިރި ކުރައްވައި، ޢަދުލުއިންޞާފު ޤާއިމުކުރައްވާށެވެ. އަނިޔާ ލިބޭ މީހާގެ ދުޢާއިން ސަލާމަތްވެ، ރައްޔިތުންގެ ހިތްތަކުން އަންނަ ހެޔޮ ދުޢާ ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރައްވާށެވެ.
ޚުލާޞާ
ވެރިކަމުގެ ލައްޒަތާއި، ޢިއްޒަތާއި، ޖާހަކީ ދުނިޔެއަށް ފަސްއަޅައި ވަޅުލެވިގެންދާނެ ކަންކަމެވެ. އެއްވެސް ވެރިއަކަށް އެމަނިކުފާނުގެ މަޤާމާއި ލަޤަބުތައް ކަށްވަޅަކަށް ނުގެންދެވޭނެއެވެ. ގެންދެވޭނީ ތިމާ ވީ އަމާނާތްތެރިކަމާއި، ބުނި ތެދުބަހެކެވެ. ދޮގުހެދުމާއި ރައްޔިތުންނަށް އޮޅުވާލުމުގެ ނުބައި ސިފަތަކުން ދުރުހެލިވެ، ތެދުވެރި އަމާނާތްތެރި ވެރިއަކަށް ވުމަށް މިއަދު އަވަސްވެގަންނަން ޖެހެއެވެ. ދެދުނިޔޭގެ ބިރުވެރި ޢަޛާބުން ސަލާމަތްވެ، މާތް ﷲ ގެ ރުއްސެވުން ލިބުން އޮތީ ހަމައެކަނި މި މަގުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޔަމަނުގެ ތާއިޒްގައި ކުރިމަތިލުންތައް ވަރުގަދަވެ، 260،000 މީހުން ޙާލުގައި ޖެހިއްޖެ
19 ގަޑިއިރު ކުރިން

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރެއްގެ ގޮތުގައި ބީއެމްއެލް ސޮއިކޮށްފި
20 ގަޑިއިރު ކުރިން

“ ޤައުމީ ޤައުމަށް އިޖާބަދޭ ކެރިގެން ޖާނާ ފުރާނަދޭ”
ދުވަހެއް ކުރިން
.webp&w=3840&q=75)
ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒް
2 ދުވަސް ކުރިން


