logo
ޔަމަނުގެ ހުޅަނގު ދެކުނު ސިޓީއެއް ކަމަށްވާ ތާއިޒްގައި، ހޫޘީން ފޮނުވާލި މިސައިލް ހަމަލާއެއް އެރި ކަމަށް ބުނާ ގެއަކަށް ލިބިފައިވާ ގެއްލުންތައް މީހުން ބަލައި ފާސްކުރަނީ؛ އަލް ޖަޒީރާ

ޔަމަނުގެ ހުޅަނގު ދެކުނު ސިޓީއެއް ކަމަށްވާ ތާއިޒްގައި، ހޫޘީން ފޮނުވާލި މިސައިލް ހަމަލާއެއް އެރި ކަމަށް ބުނާ ގެއަކަށް ލިބިފައިވާ ގެއްލުންތައް މީހުން ބަލައި ފާސްކުރަނީ؛ އަލް ޖަޒީރާ

ޔަމަނުގެ ތާއިޒްގައި ކުރިމަތިލުންތައް ވަރުގަދަވެ، 260،000 މީހުން ޙާލުގައި ޖެހިއްޖެ

profile

އާމިނަތު ޝަޒްލާ - 22 އޮކްޓޯބަރު 2026 - 13:15

ޔަމަނުގެ ތާއިޒް ޕްރޮވިންސްގައި، އެގައުމުގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރަށް ތާއީދުކުރާ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ އިންތިހާއަށް ވަރުގަދަވެ، ގާތްގަނޑަކަށް 260,000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

"އަލް ޖަޒީރާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ކުރިމަތިލުންތަކުގެ ސަބަބުން އެތައް ހާސް އާންމުންނެއް ރައްކާތެރިކަން ހޯދުމަށްޓަކައި ގެދޮރު ދޫކޮށްދާން ޖެހިފައިވާތީ، އދ. އިން ވަނީ އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ޔަމަނު ސަރުކާރު ފައުޖުގެ ތަރުޖަމާނު މާޖިދު އައްނަޒީލީ ބުދަ ދުވަހު ވިދާޅުވީ، އަންސާރުﷲ ގެ ނަމުން މަޝްހޫރުވެފައިވާ ހޫޘީންނާ ދެކޮޅަށް އެ ފައުޖުން ވަނީ 835 ހަމަލާއެއް ދީފައެވެ. މި ހަމަލާތަކުގައި ހޫޘީންގެ 285 ހަނގުރާމަވެރިން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށާއި، އޭގެ އިތުރުން އެމީހުންގެ ހަނގުރާމަ މަތީ ޓޭންކުތަކާއި ހަތިޔާރު ގުދަންތައް ނައްތާލާފައިވާ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ތާއިޒްގެ ހުޅަނގުގައި އޮންނަ އަދި ޔަމަނު ސަރުކާރުގެ ޢަދަން އަސްކަރީ މަރުކަޒާއި އެ ސަރަހައްދު ގުޅުވައިދޭ މުހިންމު މަގުތައް ފެންނަ ގޮތަށް އޮންނަ ޖަބަލް ހާންގެ އުސްބިންތަކުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށެވެ. މީގެ އިތުރުން ޛުބާބް އަދި އަލް-މަސްރަޚް ޑިސްޓްރިކްޓްގައި ވެސް ވަރުގަދަ ހަނގުރާމައެއް ހިނގަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އަސްކަރީ މަސްދަރަކުން އަލްޖަޒީރާއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ތާއިޒްގެ ދެކުނުގައިވާ މަޢަފަރު ސަރަހައްދުގައި ޙޫޘީން އެއްވެފައި ތިބި ތަންތަނަށާއި އެމީހުންގެ އުމްރާނީ ވަސީލަތްތަކަށް ސަރުކާރުގެ އަސްކަރިއްޔާއިން ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ. ޙޫޘީން ބާއްވާ އެއްވުންތަކަކީ ކުޑަކުދިން ހަނގުރާމައަށް ނެރުމަށް ބޭނުންކުރާ ހަރަކާތްތަކެއް ކަމަށް ތުހުމަތުކޮށް، އެފަދަ އެއްވުންތަކަށް އަމާޒުކޮށްދޭ ހަމަލާތައް ފުޅާކުރާނެ ކަމަށް ޔަމަނުގެ ސަރުކާރުން ވަނީ އިންޒާރު ދީފައެވެ.

މީގެ އިތުރުން، ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން، ޙޫޘީން ބާއްވާ އެއްވުންތަކާއި "ސަގާފީ ކޯސްތަކާ" ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ އެއްވުންތަކަކީ އަސްކަރީ ގޮތުން ހަމަލާދެވިދާނެ ސައްހަ އަމާޒުތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އދ. ގެ (އޯ.ސީ.އެޗް.އޭ) އިން ބުދަ ދުވަހުގެ ރޭ ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހަމަލާތަކުގައި އާންމުންގެ 251 މީހުންނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަން އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ވަނީ ކަށަވަރުކޮށްފައެވެ. މީގެ ތެރޭގައި މަރުވި 57 މީހުންނާއި އަނިޔާވި 194 މީހުން ހިމެނޭއިރު، މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

އޯ.ސީ.އެޗް.އޭ އިން ފާހަގަކުރި ގޮތުގައި، ދަތި އުނދަގޫ ހާލަތްތަކާ އެކުވެސް، މިދިޔަ އޯގަސްޓް މަހުން ފެށިގެން އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން ވަނީ ގެދޮރު ގެއްލިފައިވާ 174,000 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ ހާލުގައި ޖެހުނު ކޮންމެ 10 އާއިލާއަކުން ގާތްގަނޑަކަށް 6 އާއިލާއެވެ. މި ފަރާތްތަކަށް ކާބޯތަކެއްޗާއި، ސާފުތާހިރުވުމަށް ބޭނުންވާ ތަކެއްޗާއި އަދި ކުއްލި ހާލަތްތަކުގައި ބޭނުންކުރާނެ ފައިސާގެ އެހީތެރިކަން ވަނީ ދީފައެވެ. ނަމަވެސް، އަލަށް ގެދޮރު ގެއްލުނު އާއިލާތަކުން ބުނާ ގޮތުގައި މިވަގުތު އެމީހުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ބޯހިޔާވަހިކަމެވެ.

ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އިޖުތިމާއީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ހަމަނުޖެހުންތަކުގެ ސަބަބުން 2.5 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ވަނީ ސްކޫލަށް ނުދެވި، ތައުލީމުން މަހްރޫމްވެފައެވެ.

https://wamco.com.mv/
tel:+9607331319