.jpg&w=3840&q=75)
ފްލަމެންގޯ އާއި ބަޔާން މިޔުނިކް ވާދަކުރި މެޗުގެ ތެރެއިން...
ކުލަބް ވޯލްޑްކަޕް: ފްލެމެންގޯ ކަޓުވާލުމަށްފަހު ބަޔާން މިޔުނިކް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 29 ޖޫން 2025 - 22:30
އެމެރިކާގައި މިހާރުޗކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ބްރެޒިލްގެ ފްލެމެންގޯ އާއި ޖަރުމަނުގެ ބަޔާން މިޔުނިކް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބަޔާން މިޔުނިކުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުން ބަޔާން މިޔުނިކް ޖާގަހޯދީ ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު އަނެއް މެޗުން ވަނީ ބަލިވެފައެވެ. އަދި ފްލެމެންގޯ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު އަނެއް މެޗުން ނިނުނީ އެއްވަރުވެގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބަޔާން މިޔުނިކުންނެވެ. މިލަނޑަކީ ފުރަތަމަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި ފްލެމެންގޯގެ ޑިފެންޑަރު އެރިކް ޕޯގަރ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ތިން މިނެޓްފަހުން ބަޔާންގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ފްލެމެންގޯ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޖޭސަން އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 41 ވަަނަ މިނެޓުގައި ބަޔާންގެ މިޑްފީލްޑަރު ލިއޯން ގޮރެޓްސްކާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ފްލެމެންގޯ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި އެޓީމުގެ މިޑްފީލްޑަރު ޖޯޖީނިއޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ނަމަވެސް ދެވަނަ ހާފުގައި ބަޔާން މިޔުނިކުން ފްލެމެންގޯގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާގައި ހެރީ ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް އެޓީމަށް ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި ޖުލައި ފަސް ވަނަ ދުވަހުގެ ރޭ ބަޔާން މިޔުނިކް ނުކުންނާނީ ޔޫރަޕްގެ ޗެންޕިއަން ޕީއެސްޖީ އާއި ދެކޮޅަށެވެ. ޕީއެސްޖީ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި އެމެރިކާގެ އިންޓަ މިއާމީ 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޅުދުއްފުށީ ކުޅިއަށް އަނެއްކާވެސް ގުޑުގުޑާ ދޫނީގެ ފައުޖެއް
6 މަސް ކުރިން

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
2 މަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
2 މަސް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
2 މަސް ކުރިން