
އެފްޑީސީ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި

އައިޝަތު އިނާޝާ - 19 ޑިސެމްބަރު 2025 - 17:48
ހުޅުމާލެ ފޭސް ދޭއް ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް އަދި ކުލި ކުޑަކޮށްފައިވާތީ، ކުރިން ޑިޕޮސިޓް ދައްކި މީހުންގެ ފައިސާ ކުލިން އުނި ކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިރޭ ބުނީ ޑިޕޮސިޓް ކުޑަކުރުމުގެ ސަބަބުން، ކުރިން އެ ދައްކައި ނިންމައިފައިވާނަމަ، އެ ފައިސާއިން ކުޑަވި އަދަދު އުނިކުރާނީ ދެން ދައްކަންޖެހޭ މަސްތަކުގެ ކުލިން ކަމަށެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ތިން ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 8،500ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށެވެ. އަދި ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 6،000ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ފްލެޓުތަކުގެ ކުއްޔާއި ޑިޕޮސިޓަށް ބަދަލު ގެނައުމާއި ގުޅިގެންނެވެ.
އެގޮތުން 4000 ފްލެޓުތަކުގެ އަގުތަކަށް ބަދަލު ގެނެސްފައިވާއިރު 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނޭހެން ޖުމްލަ 10،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަމާން އުދަރެސް އަދި އަމާން ދޯދިން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 3 ކޮޓަރި ލިބުނު ފަރާތްތައް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 8،500 ރުފިޔާއެވެ.
މީގެ އިތުރުން 2 ކޮޓަރި ލިބުނު ފަރާތްތަކުން މަހު ކުލީގެ ގޮތުގައި 6000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއާއެކު ޖުމްލަ 7000 ރުފިޔާ ދައްކަންޖެހޭއިރު ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6،000 ރުފިޔާއެވެ.






