
މުޖުތަމައުގެ ބަދަހިކަމާއި އާއިލީ ގުޅުންތައް ވަރުގަދަކުރުން

މުޙައްމަދު ފަޟްލޫން - 18 ޖެނުއަރީ 2026 - 11:39
އިންސާނުންނަކީ ފިތުރަތީގޮތުން އެކަނި އުޅެވޭނެ ބައެއް ނޫނެވެ.
އިންސާނީ ތާރީހަށް ބަލާއިރު، ކޮންމެ މުޖުތަމައެއްގެވެސް ބިންގަލަކީ އެކަކު އަނެކަކަށް އޮންނަ ގުޅުމާއި އެކުވެރިކަމެވެ.
އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިންގެ މުއްސަނދި ސަގާފަތަށް ބަލާއިރު، ގުޅުން ބަދަހިކުރުމަކީ އިންސާނީވަންތަކަމުގެ އެންމެ މުހިއްމު އެއް ތަނބެވެ.
މުޖުތަމައެއްގެ އެންމެ ކުޑަ އަދި އެންމެ މުހިންމު ގޯއްޗަކީ އާއިލާއެވެ.
އުފާވެރި އާއިލާ އެއް ބިނާކުރުމުގައި އެކުވެރިކަމާއި އިހްތިރާމަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ.
އާއިލާގެ މެދުގައި އޮންނަ ގުޅުން ބަދަހިވުމަކީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެކެވެ.
ދޭދޭ ގުޅުންތަކާއި އާއިލީ ގުޅުންތައް ދެމިއޮންނަނީ ދޭދޭ މީހުންގެ މެދުގައިވާ އިތުބާރާއި އަޅާލުމާއި އޯގާތެރިކަމުގެ މައްޗަށެވެ.
އިސްލާމްދީން ބާރުއަޅަނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަށެވެ. މިގޮތުން އާއިލާގެ މެމްބަރުންގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަކީ ރަހިމުގެ ގުޅުން ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަމެކެވެ.
މައިންބަފައިންނާއި، ދަރިންނާއި، ތިމާގެ މީހުންނާ އޮންނަ ގުޅުން ހީނަރުވިޔަނުދީ ހިފެހެއްޓުމަކީ ކާމިޔާބު އަދި އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއެވެ.
އާއިލާގެ ތެރޭގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، އެހީތެރިވުމުގެ އާދަ އަށަގަނެފައިވާނަމަ، އެ މުޖުތަމައަކީ ކުށްމަދު، އަމާން ތަނަކަށް ވެގެންދާނެއެވެ.
ދޭތެރެ ދޭތެރެއިން ވަގުތު ހޯދައިގެން އާއިލާ އެންމެން އެއްޖަމާއަތެއްގައި ވާހަކަ ދައްކައި ބައްދަލުވެ އުޅުމަކީ އާއިލީ ގުޅުންތައް ވަރުގަދަވެގެންދާނެ ކަމެކެވެ.
މުޖުތަމައެއްގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އަވަށްޓެރިކަމުގެ ގުޅުމަކީ މިއަދުގެ ދުނިޔޭގައި ނުހަނު ބޭނުންތެރި ކަމެކެވެ.
ދިވެހި ސަގާފަތުގައި އަވަށްޓެރިންނަށް ކަމޭހިތުމާއި، ހާލުބަލައި އުޅުމަކީ ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެކެވެ. އެކަކު އަނެކަކަށް ހިނިތުންވުމާއެކު ސަލާމްކުރުމާއި، ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ މީހުންގެ މެދުގައި އޮންނަ ނުތަނަވަސްކަން ފިލުވައިދޭ ކަމެކެވެ.
މިއަދުގެ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، މީހުންގެ މެދުގައި އޮންނަ މުއާމަލާތްތައް ވަނީ ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވެފައެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ދުރުގައި ތިބޭ މީހުންނާ ގުޅުން ބޭއްވުނު ކަމުގައިވިޔަސް، ގާތުގައި ތިބޭ މީހުންނާ އޮންނަ މޫނަށް މޫނު ބަލައިގެން ކުރެވޭ މުއާމަލާތްތައް ވަނީ މަދުވެފައެވެ.
މިކަމުގެ ސަބަބުން އެކަނިވެރިކަމާއި، ނަފްސާނީ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
މިކަމަށް އޮތް ހައްލަކީ، ފޯނާއި ސްކްރީންތަކާ ދުރުވެ، އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމެވެ. އެކުގައި ކެއުމާއި، ކުޅިވަރު ކުޅުމާއި، ވާހަކަ ދައްކާލަން ވަގުތު ހުސްކުރުމަކީ ގުޅުންތައް އާލާކޮށްދޭނެ ކަންކަމެވެ.
މިޒަމާނުގައި އެކުވެރިއަކާއި އެކު އަދި އާއިލާގެ މެމްބަރަކު އެކަކު އަނެކަކާއި އެކު ކޮފީއަކަށް އެރިޔަސް ގިނަފަހަރު ވަގުތު ހޭދަކުރެވެނީ ފޯނަށް ބަލައި އެފޯނުން ކޮންމެވެސް ކަމެއް ކުރުމުގައެވެ. އޭގެ ބަދަލުގައި އެކަކު އަނެކަކަށް ވާހަކަ ދައްކާލައި ހާލު އަހާލުން ފަދަ ކަންކަން ކުރުމުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވިއްޖެނަމަ އެކުވެރިކަން އިތުރުވެ އާއިލީ ގުޅުންތައް ވަރުގަދަވެގެންދާނެއެވެ.
ގުޅުން ބަދަހިކުރުމަކީ ހަމައެކަނި ދުނިޔަވީ ފައިދާއަކަށްޓަކައި ކުރާ ކަމެއް ނޫނެވެ. އެއީ ދީނީ އަދި އިންސާނީ ވާޖިބެކެވެ.
ބަދަހި ގުޅުންތަކެއް އޮތް މުޖުތަމައެއްގައި އޮންނާނީ އަމާންކަމާއި، އުފާވެރިކަމެވެ. އެހެންކަމުން، ކޮންމެ މީހަކީވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށް، ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތްކުރާ މީހަކަށް ވާންޖެހެއެވެ.
އެކަކު އަނެކަކަށް މާފުކުރުމާއި، އިހުތިރާމްކުރުމަކީ ބަދަހި މުސްތަގުބަލެއްގެ ބިންގަލެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފި
4 މިނިޓު ކުރިން

ވޯލްޑްކަޕް 26 ގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
16 މިނިޓު ކުރިން

އެކްސަސައިޒް ދޯސްތީ: ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި
ގަޑިއިރެއް ކުރިން

" ދަތުރުވެރިޔާ" އަސްލުޓީވީ ގުރުއާން މުބާރާތުގެ މުއްދަތު އިތުރުކޮށްފި
ގަޑިއިރެއް ކުރިން


