
ތޫފާން ޑީޓްވާ: ލަންކާގެ ހާލަތު

ޝަހްޒާ މުޙައްމަދު - 30 ނޮވެމްބަރު 2025 - 10:10
އަވަށްޓެރި ލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގެ ސަބަބުން މަރުވި މީހުންގެ އަދަދު 193 އަށް އަރާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ އެންމެ ފަހުގެ ސިޗުއޭޝަން ރިޕޯޓުގައި ވަނީ ބުނެފައެވެ.
ފެންބޮޑުވުމާއި ބިންގަނޑު ކަންޑައިގެން ދިއުމުގެ ސަބަބުން ފުޅާދާއިރާއެއްގައި ގެއްލުން ލިބިފައިވާ އެތައް ޑިސްޓްރިކްޓެއްގައި މީހުން ސަލާމަތްކުރުމާއި ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު 228 މީހުން ގެއްލިފައިވާކަން ވެސް ޑީއެމްސީން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ލަންކާގައި 266،114 އާއިލާގެ 968،000 އަށް ވުރެ ގިނަ ފަރުދުންނަށް ވަނީ މި ކާރިސާގެ ސަބަބުން އަސަރުކޮށްފައެވެ.
ސްރީލްންކާގެ މާވިލް އަރޫ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައި ތިބި 121 މީހުން ވަނީ ސްރީލަންކާ އެއާފޯސްގެ ރެސްކިއު ޓީމްތަކުން އެތަނުން ސަލާމަތްކޮށްފައެވެ. މިއަދު މެންދުރު ފަހު ސަލާމަތީ މަސައްކަތްތައް ކުރިއަށް ދިޔައިރު، ތާށިވެފައި ތިބި މީހުން ވަނީ ސަލާމަތް ކުރުމަށް އެއާލިފްޓްކޮށްފައެވެ.
މޫސުން ގޯސްވެ ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާ ގުޅިގެން މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، މަގުތައް އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ގެއްލުން ލިބުނު ސަރަހައްދުތަކަށް އާންމުން ޒިޔާރަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ތަންތަނަށް އާންމުން ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެހެންކަމުން މަރާމާތުގެ މަސައްކަތް ނިމެންދެން ހަލާކުވެފައިވާ މަގުތަކަށް އާންމުން ދިއުން ރައްކާތެރި ނޫން ކަމަށެވެ.
ތޫފާން "ޑިޓްވާ"ގެ ސަބަބުން ލަންކާގައި މިއަދު ވެސް ފެންބޮޑުވާނެ ކަމަށް ބެލެވެއެވެ.
އެގޮތުން ލަންކާގެ ކެލާނީ، ކަލޫ، މަހާ އަދި އައްޓަނޫގަލޫ ކޯރުތަކުގެ ފެންގަނޑު އުފުލޭނެކަމުގެ އިންޒާރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ނެރެފައެވެ.
ޑިޕާޓްމަންޓް އޮފް އިރިގޭޝަނުން ވަނީ މި ކޯރުތަކުގެ ފެންގަނޑު އުފުލުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ފެންބޮޑުވާނެ ކަމަށް ބުނެ، އެކަމަށް އިންޒާރު ދީފައެވެ.
ވެރިރަށް ކޮލޮންބޯގެ ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ އަަންގާފައެވެ.
ކޮލަމްބޯގެ ޑިސްޓްރިކްޓް ސެކްރެޓަރީ ވަނީ ކޮލޮމްބޯގެ ކަޑޫވެލާ، އަތޫރުގިރިޔާ، އަދި ބަޓަރަމުއްލާގެ ސަރަހައްދުތަކުގެ ތިރި ސަރަހައްދުތަކުގައި މަގުތަކުގެ ދެފަރާތުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ތަންތަނަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
ތޫފާން ޑިޓްވާ ދަނީ ބެންގާލްގެ ހުޅަނގު ދެކުނުގައި އޮންނަ ޓެމިލް ނާޑޫ އާއި ޕުޑިޗެރީގެ އައްސޭރިފަށުގެ ސަރަހައްދުގައި ކަމަށް އައިއެމްޑީގެ އޮފިޝަލް އެސް ސްޓެލާ ޕީޓީއައި ވަނީ މައުލޫމާތުދީފައެވެ.ތޫފާނުގެ އަސަރު އިންޑިއާއަށް ވަނީ ކޮށްފައެވެ. އެ ތޫފާން ދަތުރުކުރަމުން ދަނީ ގަޑިއަކު 12 ކިލޯމީޓަރުގެ ބާރު މިނުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީ އާއި ހަވާލްކޮށްފި
8 ދުވަސް ކުރިން

ރާއްޖެއިން ބޭރަށް ކުރި ފުރަތަމަ ރަސްމީ ދަތުރުގައި ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް
8 ދުވަސް ކުރިން

ސިލޯނާއެކު ދިވެހިން ޓެލެތޯން ފަށައިފި
10 ދުވަސް ކުރިން

ދިވެއްސަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ނުލިބޭ: ލަންކާ ހައިކޮމިޝަން
11 ދުވަސް ކުރިން


