logo

ސިލޯނާއެކު ދިވެހިން ޓެލެތޯން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 30 ނޮވެމްބަރު 2025 - 05:30

ސްރީލަންކާ އަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ ސިލޯނާއެކު ދިވެހިން ހާއްސަ ޓެލެތޯން ފަށައިފިއެވެ.

https://wamco.com.mv/

ޕީއެސްއެމް އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޓެލެތޯން ފެށީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ.

ޓެލެތޯން ފެށުމުގެ ގޮތުން ޕީއެސްއެމްގެ ޑީއެމްޑީ ޔާމީން ރަޝީދު ވިދާޅުވީ ޕީއެސް އެމްގެ ފަރާތުން ރާއްޖޭގެ މީޑިއާތަކާއި ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނަކީ ވިއްސާރައިގެ ސަބަބުން ސްރީލަންކާގެ ބިންގަޑު ކަނޑައިގެން ދިއުމާއި އެފަދަ އެތައް ހާދިސާއެއް ހިނގާފައިވާތީ، އެގައުމާއި އެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޓެލެތޯނެއް ކަމަށެވެ.

ދިވެހިންނަކީ މީގެ ކުރިންވެސް އަވަށްޓެރި ގައުމުތަކަށް ދިމާވާ ދަތިހާލަތްތަކުގައި ލާމަސީލު ނަމޫނާ ދައްކާފައިވާ ބައެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން މިފަހަރުވެސް މި ޓެލެތޯނުގައި ދިވެހި ރައްޔިތުންގެ ބައިވެރިވުން ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ޓެލެތޯންގައި 37 މީޑިއާއަކުން ބައިވެރިވެފައިވާއިރު މިރޭގެ 1 ޖެހުމާއި ހަމައަށް ޓެލެތޯން ކުރިއަށްދާނެ ކަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.

މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށް ހުޅުވާލެވިފައިވާ ކަަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.

މި ޓެލެތޯންގައި ސްރީލަންކާއަށް އެހީވުމަށް ބީއެމްއެލްގެ ރުފިޔާ އެކައުންޓަކާއި ޑޮލަރު އެކައުންޓެއް ހުޅުވާފައިވާއިރު، ޕޭ އެމްވީ މެދުވެރިކޮށް ކިޔުއާރު ކޯޑް ސްކޭން ކޮށްގެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ނަގުދު ފައިސާ އާއި ޗެކާއި އޮންލައިން ޓްރާންސްފަރ މެދުވެރިކޮށް ސްރީލަންކާއަށް އެހީވެވޭނެ ކަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.

ޕީއެސް އެމް އިން މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން ޕީއެސްއެމް ސްޓޫޑިއޯ އަދި ގޯތިތެރޭގައި ބަހައްޓާފައިވާ ފަންޑު ފޮށިތަކަށްވެސް އާއްމު ފަރާތްތަކަށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.

ސްރީލަންކާއަކީ ރާއްޖެ އާއި އަވަށްޓެރި ގައުމަކަށްވެފައި، މިވަގުތު އެގައުމަށް ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަތުމަށް އެހީތެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޓެލެތޯން ގައި ބައިވެރިވާ މީޑިއާތަކުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay