logo

މެއި މަހު ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 02 ޖޫން 2026 - 09:31

ހުސްވި މެއި މަހު ރާއްޖެއަށް 139،000 (އެއް ލައްކަ ތިރީސް ނުވަ ހާސް) އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ މެއި މަހު ރާއްޖެއަށް 139,746 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި 135,614 ފަތުރުވެރިންނާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6,100 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މެއި މަހުގެ ތަފާސްހިސާބުތައް ރަނގަޅުވި ނަމަވެސް، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ޖުމްލަ އަދަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 4.7 އިންސައްތައިގެ ދަށްވުމެއް އައިސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު 966,358 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 921,115 ފަތުރުވެރިންނެވެ.

މިއަހަރުގެ ކުރީކޮޅު ފަތުރުވެރިންގެ އަދަދު ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުން ރާއްޖެއަށް ކުރާ ދަތުރުތަކަށް ބުރޫއެރުމެވެ. ވަކިން ހާއްސަކޮށް، މާރިޗު މަހު 20.7 އިންސައްތަ އަދި އެޕްރީލް މަހު 25.5 އިންސައްތަ ފަތުރުވެރިން ވަނީ މަދުވެފައެވެ. ނަމަވެސް، މެދުކެނޑިފައިވާ ބައެއް އެއަރލައިންތަކުގެ ދަތުރުތައް އަލުން ފަށާފައިވާތީ، ކުރިއަށް އޮތް ތަނުގައި މި އަދަދުތައް ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk