
މިފްކޯ އިން މަސްވެރިންނަށް ހުސްވި މެއި މަހު 31 މިލިއަން ރުފިޔާ ދޫކޮށްފި

މުޙައްމަދު ފަޟްލޫން - 02 ޖޫން 2026 - 11:59
ހުސްވި މެއި މަހުގެ ތެރޭގައި މަސްވެރިން ކިރުވި މަހަށް 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 693 ދޯންޏަކުން 1,791 ޓަނުގެ މަސް ކިރުވާފައިވެއެވެ. މި މަހަށްވާ ފައިސާގެ ގޮތުގައި ޖުމްލަ 31,081,853 ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.
އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހުގެ މަސްވެރިކަން ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައެވެ. އެގޮތުން، އޭޕްރީލް މަހު 1,068 ދޯންޏަކުން 4,414 ޓަނުގެ މަސް ކިރުވާފައިވާއިރު، މެއި މަހު މި އަދަދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާއި އީދު ބަންދާ ދިމާވުމުން މަހަށް ނުކުތް ދޯނިފަހަރުގެ އަދަދު މަދުވުމެވެ.
ކިރުވި މަހުގެ ތަފްސީލަށް ބަލާއިރު، ހުސްވި މަހު މިފްކޯއަށް 367 ދޯންޏަކުން 1,708.9 ޓަނުގެ ކަޅުބިލަ މަސް ކިރުވާފައިވެއެވެ.
ކަޅުބިލަ މަހުގެ އަގަށްވާ 29,063,153 ރުފިޔާ މިފްކޯ އިން ވަނީ މަސްވެރިންނަށް ހަވާލުކޮށްފައެވެ.
މީގެ އިތުރުން، 10 ކިލޯއިން މަތީގެ ކަންނެލީގެ ގޮތުގައި 109 ދޯންޏަކުން 6.9 ޓަނުގެ މަސް ކިރުވާފައިވާއިރު، އެ މަހަށްވާ 138,000 ރުފިޔާ ވަނީ ދޫކޮށްފައެވެ.
އަދި 15 ކިލޯއިން މަތީގެ ކަންނެލީގެ ގޮތުގައި 75.2 ޓަނު މިފްކޯއިން ގަނެފައިވާއިރު، އެ ބާވަތުގެ މަހަށް 1,880,700 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
15 ކިލޯ އިން މަތީގެ ކަންނެލި 217 ދޯނިން ހުސްވި މަހުގައި މިފްކޯއަށް ވަނީ ކިރާފައެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަން މިސަރުކާރުން ދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މަސްވެރިންނަށް މިހާރު 48 ގަޑިއިރު ތެރޭގައި މިފްކޯ އަށް ކިރާ މަހަށް ފައިސާ ދޫކުރަމުންދާއިރު އަގު ހެޔޮކޮށް އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ބޭނުންވާ ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކުން މަސްވެރިންނަށް މިހާރު އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމް އެސްޓީއޯ އިން ވަނީ ހަމަޖައްސާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަރުހޫމް ހަލީމްގެ އާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި
2 ގަޑިއިރު ކުރިން

ރައީސްގެ އަމިއްލަފުޅު ދަތުރުފުޅުތަކަށް ދައުލަތުން ޚަރަދެއް ނުކުރޭ، ފަތުރަނީ ދޮގު ޚަބަރު: އިޤްބާލް
3 ގަޑިއިރު ކުރިން

ބ. މާޅޮހު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފި
5 ގަޑިއިރު ކުރިން

މާލެ ސިޓީ ކައުންސިލުން އޮޑިޓަރ ޖެނެރަލް އާއި ބައްދަލުކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)