logo
ގަސްދޮށު ޓީމާއި ޓްރެއިން ބޭންޑް ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގައްދޫ ޑަބްލިޔުޑީސީ

ގަސްދޮށު ޓީމާއި ޓްރެއިން ބޭންޑް ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގައްދޫ ޑަބްލިޔުޑީސީ

ފަސޭހަކަމާއެކު ގަސްދޮށުން ޓްރެއިން ބޭންޑް ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 27 ޖޫން 2025 - 23:54

ގައްދޫގައި މިހާރު ކުރިއަށްދާ ޑަބްލިޔުޑީސީ ހޭންޑްބޯޅަ ޓޯނަމެންޓް 2025 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 9-1 ގެ ނަތީޖާއަކުން ޓްރެއިން ބޭންޑް ބަލިކޮށް ގަސްދޮށުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

https://wamco.com.mv/

މުބާރާތުގައި ޓްރެއިން ބޭންޑް ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ރޯޔަލްސް އަތުން މޮޅުވެފައިވާއިރު، ގަސްދޮށު ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޒީރޯ ގްރެވިޓީ އަތުން އެޓީމު ވަނީ 13-04 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގަސްދޮށު ޓީމުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ގަސްދޮށު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޓްރެއިން ބޭންޑް އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ގަސްދޮށު ޓީމުގެ ހިޝާމާ މުހައްމަދު ހަތަރު ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެސަޖުނާ މުހައްމަދު އަދި އާމިނަތު ނައުޝީން މިއިން ކޮންމެ ކުޅުބްތެރިޔަކު ވަނީ މިމެޗުގައި ދެލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ޓްރެއިން ބޭންޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމު އައިޝަތު އިފާއެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގަސްދޮށު ޓީމުގެ ހިޝާމާ މުހައްމަދު އެވެ.

މިނަތީޖާއެކު ލީގު ބުރުގައި ކުޅުނު ދެމެޗުން މި ދެޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ގަސްދޮށު ޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓްރެއިން ބޭންޑް މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

26 ޖޫން 2025 އިން 1 ޖުލައި 2025 ގެ ނަޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ޕްލޭ އޮފް މެޗެއް ކުޅެ ކުރިހޯދާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.

މީގެ އިތުރުން މުބާރާތުގެ ޗެންޕިއަން ޓީމަށް 7،000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ އިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ އަސްލު ސްޕޯޓްސް އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay