.jpg&w=3840&q=75)
އިންޓަ މިއާމީ އާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން..
ކުލަބް ވޯލްޑްކަޕް: އިންޓަ މިއާމީ ކަޓުވާލުމަށްފަހު ޕީއެސްޖީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 29 ޖޫން 2025 - 18:10
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ އެމެރިކާގެ އިންޓަ މިއާމީ އާއި ފްރާންސް އަދި ޔޫރަޕްގެ ޗެންޕިއަން ޕީއެސްޖީ ވާދަކުރި މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕީއެސްޖީ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުން އިންޓަ މިއާމީ ޖާގަހޯދީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން އެއްވަރުވެފައިވާއިރު އަނެއް މެޗުން ވަނީ މޮޅުވެފައެވެ. އަދި ޕީއެސްޖީ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު އަނެއް މެޗުން ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ދެ ލަނޑު މެޗުގެ ހަ ވަނަ މިނެޓާއި 39 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ޖޯއާއު ނެވޭސް ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑަކީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އިންޓަ މިއާމީގެ ޑިފެންޑަރު ތޯމަސް އަވިލެސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ފުރަަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ޑިފެންޑަރު އަޗްރަފް ހަކީމީ އެވެ. އަދި މިހާފުގައި އިންޓަ މިއާމީއަށް ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި އިންޓަ މިއާމީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޑިފެންސާއެކު އެޓީމުގެ އެޓޭކުވެސް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 4-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ ވާދަކުރަންޖެހޭނީ މިރޭ ރާއްޖެގަޑިން ދަންވަރު 1:00 ގައި ބަޔަން މިޔުނިކާއި ފްލެމިންގޯ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުން ހުރި ޙަބަރުތައް

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
2 މަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
2 މަސް ކުރިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި
2 މަސް ކުރިން

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އަލް ނަސްރު ޗެންޕިއަންސް ލީގުން ކަޓައިފި
2 މަސް ކުރިން