
ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު, ފޮޓޯ: ސޯޝަލް މީޑިއާ
އިޙްތިރާމްގެ ކެމްޕޭނެއް ފައްޓަވަންވާނީ ފުރަތަމަ އަމިއްލަ ނަފުސު އިޞްލާޙުކުރުމަށްފަހު: ޑރ. ޖަމީލް

އާމިނަތު ޝަޒްލާ - 14 ނޮވެމްބަރު 2026 - 12:46
"އިޙްތިރާމް" ގެ ނަމުގައި ޤައުމީ ފެންވަރުގެ ބޮޑު ކެމްޕޭނެއް ފެއްޓެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އަމިއްލަފުޅު ނަފުސު އިޞްލާޙު ކުރައްވައިފިންތޯ ކަމަށް ސުވާލު އުފައްދަވައި، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ކީރިތި ޤުރުއާނުގެ އައްޞައްފު ސޫރަތުގެ ދެވަނަ އާޔަތާއި ތިންވަނަ އާޔަތަށް އަލިއަޅުއްވާލައްވާފައިވެއެވެ. އައްޞައްފު ސޫރަތުގެ ދެވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެ އުޅެނީ ކީއްވެގެން ހެއްޔެވެ؟" އަދި ތިންވަނަ އާޔަތުގައި އެފަދަ ޢަމަލަކީ ﷲ ގެ ޙަޟްރަތުގައި ނުހަނު ބޮޑުވެގެންވާ ކޯފާއެއް އޮތް ނުރުއްސަވާ ކަމެއްގެ ގޮތުގައި ބަޔާންކުރައްވާފައިވާކަން ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ސުވާލު އުފެއްދެވީ، ޤައުމެއްގެ ވެރިކަން ލިބުނު ގޮތް ހަނދާން ނައްތާލައި، އެކަމަށް ޝުކުރުވެރިނުވި ފަރާތަކަށް އިތުރަށް ރައްޔިތުންނަށް ދަސްކޮށްދެވޭނެ އިޙްތިރާމެއް އޮންނާނެތޯއެވެ؟ އަދި މީސްތަކުންނަށް ޝުކުރުވެރި ނުވާ މީހަކު ﷲ އަށް ޝުކުރުވެރި ނުވާނެކަމަށް ބަޔާންވެގެންވާ ޙަދީޘްފުޅު ހަނދާންކޮށްދެއްވަމުން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނިސްބަތްކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، "ޝުކުރިއްޔާ ރައީސް ޔާމީން" މިހެން މިއަދާ ހަމައަށްވެސް ރައީސް މުޢިއްޒަށް ވިދާޅުނުވެވުނު ކަމަށެވެ. އަދި ހެޔޮކަމެއްގެ ބަދަލުގައި މުޢިއްޒު ދައްކަވަމުން ގެންދަވަނީ މުޅިންވެސް އަނިޔާވެރިކަން ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
އެހެންކަމުން، ސަރުކާރުން މިހާރު ހިންގަވަންވީ "އެންމެ ފުރަތަމަ ނަފުސުތައް އިޞްލާޙު ކުރުން" މިފަދަ ކެމްޕޭނެއް ކަމުގައި ޑރ. ޖަމީލް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔުން އަމާޒުކުރަމުންދާ މި ދަނޑިވަޅަކީ ސިޔާސީ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން، ރަސްމާލެ މަޝްރޫޢުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމާއި ދެކޮޅަށް، އިދިކޮޅު ޤައުމީ ހަރަކާތުން އިންތިޒާމުކޮށްގެން "ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ވަނީ ބޮޑު އެއްވުމެއް ބާއްވާފައެވެ. މި އެއްވުމުގައި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ސިޔާސީ އިސް ޝަޚްޞިއްޔަތުތައް ބައިވެރިވެ، އަޑުއުފުލައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވަނީ ގޮވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޢަދާލަތު ޕާޓީ ޕީއެންސީއާ އިއްތިޙާދުވަނީ
5 ގަޑިއިރު ކުރިން

ޒަޔަނިސްޓުންނަށް އިޙްތިރާމްކުރުން މި ޤައުމުގައި ތަންފީޛެއް ނުކުރެވޭނެ: މަލީހް
6 ގަޑިއިރު ކުރިން

އިންފްލުއެންޒާ ފެތުރޭތީ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
10 ގަޑިއިރު ކުރިން

ބަނގުރަލުގެ ބޮޑު ނެޓްވޯކެއްގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކުރާ ރަޝްވާންގެ ބަންދު އިތުރު!
11 ގަޑިއިރު ކުރިން


