
ކަރެކްޝަންސް އާއި ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

މުޙައްމަދު ފަޟްލޫން - 17 މާރިޗު 2026 - 10:42
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް ކަސްޓަމްސް ގެ މުވައްޒަފުންގެ މުސާރަ، މި ހިނގާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފިއެވެ.
މި ދެ މުއައްސަސާގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ ދައުލަތުގެ ނެޝަނަލް ޕޭ ފްރޭމްވޯކާ އެއްގޮތަށް، މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށް (ޕޭ ހާމަނައިޒޭޝަން) ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުންނެވެ.
ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައަށް މި ބަދަލު މި އައީ ގާތްގަނޑަކަށް 11 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އެ މުއައްސަސާގެ މުސާރައަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވަނީ 2015 ވަނަ އަހަރުގައެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ މަސައްކަތް 2022 ވަނަ އަހަރު ފަށާފައިވާއިރު، މިހާތަނަށް ވަނީ ތައުލީމީ ދާއިރާ އާއި، ސިއްހީ ދާއިރާގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުސާރަވެސް ބޮޑުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސިވިލް ސާވިސްގެ ބައެއް ދާއިރާތަކާއި ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގެ މުސާރައަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 17 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
2025 ވަނަ އަހަރު ތެރޭގައި މުސާރަ ބޮޑުނުވާ ދައުލަތުގެ އެހެނިހެން ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރަ، މި އަހަރުގެ ތެރޭގައި ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ސަރުކާރުގެ މި ނިންމުމަކީ ދިިރިއުޅުމުގެ ހަރަދުތަކާއިއެކަށީގެންވާ އާމްދަނީއެއް ހުރިހާ މުވައްޒަފުންނަށް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.





.gif&w=3840&q=75)