
ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް: ރައީސް

އައިޝަތު އިނާޝާ - 17 ފެބްރުއަރީ 2026 - 16:07
ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށާއި ރަމަޟާން މަސް އަޅުގަނޑުމެންނަށް އަޚްލާޤުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ 1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި މިއީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި ވަގުތު ކަން ފާހަގަ ކުރެއްވިއެވެ. އަދި ކީރިތި ޤުރްއާނުން އެނގޭގޮތުގައި، މާތް ﷲ ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށްޓަކައި ކަމާއި، ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، އެކަންކަމުން ދުރުހެލިވުމާއެކު، ތެދުމަގުގައި ސާބިތުވެ، ހެޔޮ ކަންކަންމަތީ ދެމިތިބުމަށްޓަކައި ކަން ހަނދާންކޮށްދެއްވިއެވެ.
ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމެކެވެ. ބާއްޖަވެރިކަމުގެ މައްސަރެކެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ނުހަނު އިޚްލާޞްތެރިކަމާއެކު ފޮނުވަމެވެ: ރައީސް
ރައީސްގެ ޚިޠާބުގައި މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން އަޅުގަނޑުމެންނާ ބައްދަލުކުރިއިރު، އަޅުގަނޑުމެން މުޖުތަމަޢުން ދެކެން ބޭނުންވާ، ވަރަށް ގިނަ ހެޔޮ ކަންކަން ހުރި ކަން ފާހަގަކުރެއްވިއެވެ.
އެއީ ދީނީކަންކަމާއި، އާދަކާދައިގެ ކަންކަމެވެ. އުސޫލާއި ޤާނޫނާއި ގަވާއިދަށް ބޯލެނބުމެވެ: ރައީސް
ރައީސްގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ފަސްވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމުކުރާ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ޞިއްޙީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ އަދި ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމަޢެއް ދެކެން ބޭނުންވާ ކަން ފާހަގަ ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އަމާންކަމަށްޓަކައެވެ. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަށްޓަކައެވެ. ހެޔޮލަފާ، ޚުލްޤު ހެޔޮ އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށްޓަކައެވެ. ދުނިޔޭގެ އެހެން މީހުންގެ ކިބައިންވެސް ދިވެހީންނަށް ހެޔޮބަސްތައް ލިބި، ދިވެހީންގެ ޤަދަރު މަތިވެރިވުމަށްޓަކައެވެ.: ރައީސް
ރައީސް ވިދާޅުވީ ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށާއި ރަމަޟާން މަސް އަޅުގަނޑުމެންނަށް އަޚްލާޤުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭ ކަމަށެވެ. އަދި އަޅުކަންތައްތަކުން ވަގުތުތައް ރާވައިލުމާއި، ވަގުތަށް ކަމޭހިތާން ދަސްކޮށްދޭ ކަމަށާއި ޛިކުރުތަކުން ތަޤުވާވެރިވުމާއި، ހިތާއި ރޫޙާއި ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކޮށްދޭ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މައްސަރުގައި ވެވިފައިވި ހަނގުރާމަތަކުން އިސްލާމީ އުންމަތަށް ހެޔޮއެދުމާއި، ޙައްޤާއި ބާޠިލާ ދެމެދު ތިމާ ސާބިތުވާންވީ ގޮތް ދައްކައިދޭ ކަމަށާއި ހިތްވަރާއި ކެރުމާއި، ޢަޒުމާއި ޤުރުބާނީގެ މާނަތައް ހިތުގައި ބިންވަޅުނަގައިދޭ ކަމަށެވެ. ރައީސް ވަނީ ރޯދަވީއްލުމާއި، ހާރުދަން ފަދަ އިޖުތިމާޢީ އާއިލީ ބައްދަލުވުންތަކަކީ ޖަމާޢަތުގެ ގުޅުންތައް ހަރުދަނާކުރުމާއި، ދޭދޭ ކުލުނާއި ލޯބި އަށަގަންނުވައިދިނުމުގެ މަދަރުސާތަކެއް ކަމަށް ވިދާޅުވެފައެވެ.
ވީމާ، މިކަންކަން އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފަށަމާތޯއެވެ! މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހަދަމާތޯއެވެ!؛ ރައީސް
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ ބިންތައް ޔަހޫދީންގެ މައްޗަށް ރަޖިސްޓްރީކުރަނީ
ދުވަހެއް ކުރިން

ވީ އެންމެ ބޮޑަކަށް އީރާނަށް ފިއްތުންތައް ކުރިމަތި ކުރަން އެމެރިކާއިން ނިންމައިފި
ދުވަހެއް ކުރިން

ހޭންޑް ބޯޅައިގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފާތިމަތު ޖުނާ
ދުވަހެއް ކުރިން

އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޭންޑު ބޯޅައިން ހަސަން ފަހީމް
2 ދުވަސް ކުރިން


.gif&w=3840&q=75)