
ލޯކަލް ކައުންސިލް: މޮނިޓަރުންނަށް ވާން ހުޅުވާލައިފި

ޝަހްޒާ މުޙައްމަދު - 10 ފެބްރުއަރީ 2026 - 08:27
އަންނަ އޭޕްރިލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތަށް އެދި ހުށަހަޅާނީ ނޫސް މަޖައްލާތަކާއި ހަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާފައިވާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށައަޅާއިރު، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކުގެ މަޢުލޫމާތާއި އަދި މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މަޢުލޫމާތު ހިމަނަންވާނެއެވެ.
އިންތިހާބު މޮނިޓަރު ކުރުމުގެ ހުއްދަ ދޫކުރުމުގައި ބަލާނެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން، އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ. މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ އިންތިހާބާ ގުޅޭ އެއްވެސް މަސައްކަތެއް ކުރުމަށް އީސީއާ ހަވާލުވެގެން ހުރި މީހަކަށް ވެގެން ނުވާނެއެވެ. އަދި އިންތިހާބުގައި އެހެން އެއްވެސް މަގާމަކަށް ކުރިމަތިލާފައިވާ ފަރާތަކަށް ވެސް ވެގެން ނުވާނެ ކަމަށް އީސީން ބުނެއެވެ. މީގެ އިތުރުން، ފާއިތުވި ފަސް އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެސް ވެގެން ނުވާނެއެވެ.
އިންތިހާބުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން އެދޭ ފަރާތްތަކުން އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވާން ޖެހެއެވެ.
މޮނިޓަރުންނަށް ވުމަށް އެދި ހުށައެޅުމަށް ހުޅުވާލާފަވަނީ 28 ފެބްރުއަރީވާ ހޮނިހިރު ދުވަހުގެ 15:00ގެ ނިޔަލަށެވެ.
އިންތިހާބުތަކުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މީޑިއާތަކުން ހުށަހަޅާފަރާތްތަކުގެ ތެރެއިން އިލެކްޝަނުން ހުއްދަ ދޫކުރާ ފަރާތްތަކެވެ.
ގުޅުން ހުރި ޙަބަރުތައް

ޖަރުމަނުވިލާތާއެކު ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަރުޙަބާ ކިޔާނެ: މިނިސްޓަރ ސަޢީދު
5 ގަޑިއިރު ކުރިން

ޖަރުމަނުވިލާތުން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
5 ގަޑިއިރު ކުރިން

ޖަރުމަނުގެ ފަތުރުވެރިން އިތުރުކުރަން ވިޒިޓް މޯލްޑިވްސްއާއި ޑާޓުއަރއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި
5 ގަޑިއިރު ކުރިން

ނީލަމުގައި ވިއްކަން އިއުލާން ކުރީ ހިޔާނާތުގެ މައްސަލައެއްގައި ހިމެނޭ ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކެއް: ފުލުހުން
5 ގަޑިއިރު ކުރިން


