logo

ނީލަމުގައި ވިއްކަން އިއުލާން ކުރީ ހިޔާނާތުގެ މައްސަލައެއްގައި ހިމެނޭ ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކެއް: ފުލުހުން

profile

އައިޝަތު އިނާޝާ - 10 ފެބްރުއަރީ 2026 - 18:09

ނީލަމުގައި ވިއްކަން އިއްޔެ ފުލުހުން އިއުލާން ކުރީ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތު ކުރެވޭ ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެއްޖެއްގައި ބުނީ ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، 2025 ޑިސެމްބަރު 31 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނޮގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ ތަހުގީގަށް އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިއިރު، މި ވިޔަފާރި ކުރި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށެވެ.

މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތިކަމަށްވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވަނީ އެދިފަ: ފުލުހުން

ޕީ.ޖީ. އޮފީހުން މިކަމާ ގުޅޭގޮތުން ދެއްވާފައިވާ ލަފާގައިވަނީ، "ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތު ގަވާއިދު" ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި މިލްކުވެރިކަމާ މެދު ހިލާފު އުފެދި، ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ ލަފާ ދީފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެކަމަށް ޕީ.ޖީ. އޮފީހުން ވަނީ ލަފާދެއްވާފަ: ފުލުހުން

ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި 2026 ޖެނުއަރީ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. ނަމަވެސް، ޝަރީއަތުން ނިންމަވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅާފައި ކަމަށް ފުލުހުނ ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay