
ޖަރުމަނުގެ ފަތުރުވެރިން އިތުރުކުރަން ވިޒިޓް މޯލްޑިވްސްއާއި ޑާޓުއަރއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

އައިޝަތު އިނާޝާ - 10 ފެބްރުއަރީ 2026 - 18:11
ޔޫރަޕްގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ޑާޓުއާ (DERTOUR) ޖަރުމަނާއެކު، ޖަރުމަނުވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ޔޫރަޕްގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ވަރުގަދަކުރުމަށް ވިޒިޓް މޯލްޑިވްސްއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 10 ފެބްރުއަރީ 2026 ގައި ބާލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. ޑާޓުއާ ޖަރުމަނުގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އިންޑިއަން އޯޝަން އެންޑް އޭޝިއާ، ޔޯން ކްރައުސާއެވެ.
މި އެއްބަސްވުމުގެ ދަށުން، ޖަރުމަނުން މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށާއި، ޖެހިގެން އަންނަ އަހަރު އެ އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި ދެ ފަރާތް ގުޅިގެން ޕްރޮމޯޝަނަލް ކެމްޕޭންތަކާއި، ޓްރޭޑް އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ އިތުރުން ޖަރުމަނުގެ ކަސްޓަމަރުންގެ ޝައުގުވެރިކަމަށް ބިނާކޮށް މާކެޓިންގ ހަރަކާތްތައް ކުރިއަށް ގެންދިއުމާއި މާކެޓްގެ ތަފާސްހިސާބުތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު މައުލޫމާތުތައް ދެ ފަރާތުގެ ދެމެދުގައި ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން ޖަރުމަނުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ސޭލްސް އެކްޓިވޭޝަންތަކާއި ހާއްސަ އިވެންޓުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޑާޓުއާ ޖަރުމަނަކީ ރޫވީ ގްރޫޕްގެ ދަށުން ހިންގާ ޑާޓުއާ، އައި.ޓީ.އެސް އަދި މެއިރެސް ވެލްޓްރައިސަން ފަދަ ބްރޭންޑްތައް ހިމެނޭ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި އަނަނެއާ ރިސޯޓްސް ހިމެނެއެވެ.
މި އެއްބަސްވުމަކީ ޖަރުމަނުވިލާތާއި ޔޫރަޕްގެ މާކެޓުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖަރުމަނުވިލާތާއެކު ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަރުޙަބާ ކިޔާނެ: މިނިސްޓަރ ސަޢީދު
5 ގަޑިއިރު ކުރިން

ޖަރުމަނުވިލާތުން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
5 ގަޑިއިރު ކުރިން

ނީލަމުގައި ވިއްކަން އިއުލާން ކުރީ ހިޔާނާތުގެ މައްސަލައެއްގައި ހިމެނޭ ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކެއް: ފުލުހުން
5 ގަޑިއިރު ކުރިން

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް ބައިވެރިވެވަޑައިގަންނަވައިފި
9 ގަޑިއިރު ކުރިން


