logo
މާޒިޔާ އާއި ގްރީން ސްޓްރީޓް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ދިވެހި ޕްރެމިއާ ލީގު

މާޒިޔާ އާއި ގްރީން ސްޓްރީޓް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ދިވެހި ޕްރެމިއާ ލީގު

ތަފާތުބޮޑު ނަތީޖާއަކުން ގްރީން ސްޓްރީޓް ބަލިކޮށް މާޒިއާ އެއްވަނައަށް

profile

ހަސަން ޝަމްއޫން - 25 އޮކްޓޯބަރު 2025 - 14:39

ދިރާގް ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަސޭހަކަމާއެކު 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ގްރީން ސްޓްރީޓް ބަލިކޮށް މާޒިޔާ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެފައިވާއިރު، ގްރީން ސްޓްރީޓް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ކުލަބު އީގަލްސް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މާޒިޔާ އިން މެޗު ޑޮމިނޭޓްކުރިއިރު، ގްރީން ސްޓްރީޓަށް ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާލެވުނީ އެންމެ 20 މިނެޓުއެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އިން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި މާޒިޔާގެ ސްޕެއިންގެ ފޯވާޑް ސާޖިއޯ އިގްލޭސިއަސް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން މިމެޗުގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕް)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް އައިސަމް (ޓޯނީ) އަދި ލުއިސް އަލްމޭޑާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު މާޒިޔާ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ގްރީން ސްޓްރީޓް އިން ލީގުގައި ކުޅުނު ފަސް މެޗުން ހޯދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ. އަދި މިއީ މިސީޒަނުގައި މިހާތަނަށް ފެނުނު އެންމެ ތަފާތުބޮޑު ނަތީޖާއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay