logo

ތަރައްގީއަށް ކުރާ ދަތުރުގައި ބައިވެރިވާން އިންޑިއާގެ އިންވެސްޓަރުންނަށް ރައީސްގެ ދައުވަތު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 އޮކްޓޯބަރު 2024 - 18:47

ބެންގަލޫރުގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ބެންގަލޫރުގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ދިވެހި ރާއްޖެ ތަރައްގީއަށް ކުރަމުންދާ ދަތުރުގައި ބައިވެރިވުމުގެ ދައުވަތު ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އިންވެސްޓަރުންނަށް ދެއްވައިފި އެވެ.

ރައީސް އެ ދައުވަތު ދެއްވީ، އިންޑިއާގެ އައިޓީ ކެޕިޓަލްގެ ގޮތުގައި މަޝްހޫރުވެފައިވާ ބެންގަލޫރުގައި މިއަދު ބޭއްވި މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ނެވެ.

އެ ފޯރަމްގައި ވާހަކަދައްކަވަމުން ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ އެއްގައުމު ކަން ފާހަގަކުރައްވައި، ރައީސް ވަނީ ރާއްޖެ އިން , އެ ގޮންޖެހުންތަކުން އަރައިގަތުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހައްލު ހޯދަން އަޒުމު ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިކަން ފާހަގަކުރައްވާ ރައީސް ވަނީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ބައިވެރިވުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި ޓެކްނޮލޮޖީގެ ގޮތުން އައިސްފައިވާ ކުރިއެރުންތަކާއި ގުޅިގެން އިންޑިއާގެ ތަޖުރިބާތައް ބަދަލުކޮށް، ދެ ގައުމުގެ ތަރައްގީއަށް އެކުގައި މަސައްކަތް ކުރެވޭނެ އެވެ.

"ރާއްޖޭގައި އިންވެސްޓުކުރުމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތަކަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެއް. މި ދާއިރާގައި އުފެއްދުންތެރިކަން ކުރިއަރުވައި އިތުރު ފުރުސަތުތައް ވެސް ފަހިކޮށްދެވޭނެ" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ރާއްޖޭގައި ތަރައްގީވަމުން އަންނަ ޑިޖިޓަލް އިގްތިސޯދާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއަށް އިންވެސްޓުކުރުމަށް ވެސް ރައީސް އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވި އެވެ.

https://wamco.com.mv/
tel:+9607331319